Last Updated: April 18, 22:36
Thursday, April 18, 2024
ވިޔަފާރި

މި މަހު މިހާތަނަށް 66،000 ފަތުރުވެރިން އަތުވެއްޖެ

މި މަހުގެ މިހާތަނަށް ރާއްޖެއަށް 66،000 އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

މި މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެގެ ނިޔަލަށް ރާއްޖެ އަށް ވަނީ 66،069 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ބޯޑަރު ހުޅުވިފަހުން ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި މަހަށް މި މަސް ވާނެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު މިދިޔަ ޖުލައިމަހުގެ 15 ވަނަ ދުވަހުން މިމަހުގެ 23 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް އައިސްފައިވަނީ 142،210 ފަތުރުވެރިންނެވެ.

ބޯޑަރު ހުޅުވާލި ޖުލައިމަހު ރާއްޖެއަށް އައިސްފައިވަނީ 1752 ފަތުރުވެރިންނެވެ. އޮގަސްޓުމަހު ރާއްޖެއަށް 7628 ފަތުރުވެރިން އައިސްފައިވާއިރު، ސެޕްޓެމްބަރުމަހު ރާއްޖެއަށް އައިސްފައިވަނީ 9538 ފަތުރުވެރިންނެވެ. އަދި އޮކްޓޫބަރު މަހު 21،515 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު މިދިޔަ މަހު ރާއްޖެ އައިސްފައިވަނީ 35،759 ފަތުރުވެރިންނެވެ.

ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިޔާ އިންނެވެ. އެގޮތުން ބޯޑަރު ހުޅުވުނުފަހުން އެގައުމުން ވަނީ 26،555 ފަތުރުވެރިން ރާއްޖެ އައިސްފައެވެ. އަދި އިންޑިއާ، ޔޫއޭއީ، އެމެރިކާ، ޔޫކޭ، އަދި ސްޕެއިން، ޖަރުމަނުވިލާތް، ފްރާންސް، ބްރެޒިލް، ޔޫކްރެއިން އަދި މިސްރުން ވެސް ރާއްޖެ އަށް ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވެއެވެ.