އިނގިރޭސިވިލާތުގައި ފެތުރެމުންދާ ކޮވިޑް-19 ގެ އާ ސްޓްރެއިން ސްޕެއިނުން ވެސް ފެނިއްޖެއެވެ.
ސްޕެއިނުގެ ވެރިރަށް މެޑްރިޑުން ފެނުނު މި ހަތަރު ކޭސް ވެސް ނިސްބަތްވަނީ ދާދިފަހުން ޔޫކޭ އިން މެޑްރިޑަށް އައި މީހުންނަށެވެ.
މެޑްރިޑްގެ ޑެޕިއުޓީ ހެލްތް ޗީފް އެންޓޯނިއޯ ޒަޕަޓޭރޯ ވިދާޅުވީ އެ ހަތަރު މީހުންގެ ވެސް ހާލު ގޯސް ނޫން ކަމަށާއި ކޮވިޑްގެ އާ ވެރިއަންޓަކީ އަވަހަށް ފެތުރޭ ބާވަތެއް ނަމަވެސް މީގެ ސަބަބުން މީހުންގެ ހާލަތު ސީރިއަސް ނުވާތީ ކަންބޮޑުވާންޖެހޭ ކަމެއް އަދި ނެތް ކަމަށެވެ.
އެ ހަތަރު ކޭސްގެ އިތުރުން ކޮވިޑްގެ އާ ސްޓްރެއިން އަށް ޝައްކު ކުރެވޭ އިތުރު ތިން ކޭހެއް އުޅޭ ކަމަށާއި ނަމަވެސް އެކަން ޔަގީން ކުރެވޭނީ ޓެސްޓުތަކުގެ ނަތީޖާ އަށްފަހު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކޮވިޑްގެ އާ ސްޓްރެއިން އާއެކު ސްޕެއިނުން ވަނީ މިދިޔަ އަންގާރަ ދުވަހުން ފެށިގެން ސްޕެއިން މީހުން ފިޔަވައި ޔޫކޭ އިން މީހުން އެގައުމަށް އައުން ވަގުތީ ގޮތުން މަނާކޮށްފައެވެ.
ކޮވިޑްގެ އާ ސްޓްރެއިން ލުބްނާން އަދި ފްރާންސް އިން ވެސް އިއްޔެ ފެނިފައިވާއިރު، ޔޫރަޕްގެ ގިނަ ގައުމުތަކުން އަންނަނީ ޔޫކޭގެ ފްލައިޓުތައް ވަގުތީ ގޮތުން އައުން މެދުކަނޑާލަމުންނެވެ.