Last Updated: April 26, 23:59
Saturday, April 27, 2024
ޚަބަރު

ހައްދުފަހަނައެޅި މީހުންނާ ދެކޮޅަށް ކުރާ މަސައްކަތް ނަޝީދު ނުހުއްޓާނެ

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު - ފޮޓޯ: މަޖިލިސް

އިސްލާމްދީނުގެ ނަމުގައި ހައްދުފަހަނައަޅާފައިވާ ފަރާތްތަކާ ދެކޮޅަށް ކުރާ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ނުހުއްޓާނެ ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

އިލްޔާސް މިހެން ވިދާޅުވީ ކްރިސްމަސް ފާހަގަކުރި ފަރާތްތަކަށް އެ ދުވަހުގެ ތަހުނިޔާ ނަޝީދު ފޮނުއްވުމުން އެކަމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ޓްވީޓުތަކެއް ކުރެއްވުމާ ގުޅިގެންނެވެ. އެގޮތުން ނަޝީދަކީ އިސްލާމްދީނުގެ އަދުއްވެއްކަމަށް ދޭހަވާ އިބާރާތަކުން ވެސް އިޔާޒު ވަނީ ޓްވީޓެއް ކުރައްވާފައެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ މަޖިލިސް މެމްބަރުން ނަޝީދުގެ ދިފާއުގައި ޓްވީޓު ކުރައްވަމުން ގެންދަވާއިރު އިލްޔާސް ވިދާޅުވީ ނަޝީދަކީ އިސްލާމްދީނުގައި ސާބިތުވެ ހުންނެވި ބޭފުޅެއް ކަމަށެވެ. އަދި ނަޝީދާއި ދިމާކޮށްގެން އެމަނިކުފާނު ދީނުގެ ނަމުގައި ހައްދުފަހަނައަޅާ ގޮސްފައިވާ ފަރާތްތަކާ ދެކޮޅަށް ކުރައްވާ މަސައްކަތް ހުއްޓާލައްވާނެ ކަމަށް އިޔާޒު ހީކޮށްގެން ނުވާނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

ކްރިސްމަސްގެ ތަހުނިޔާ ފޮނުއްވައި ނަޝީދު ކުރެއްވި އެ ޓްވީޓަށް އިޔާޒުގެ އިތުރުން އެހެން ބައެއް އިލްމުވެރިންގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެގެން ގޮސްފައެވެ. ނަމަވެސް އެ ފާޑުކިޔުންތަކަށް މިހާތަނަށް ނަޝީދު އެއްޗެއް ވިދާޅެއް ނުވެއެވެ.