Last Updated: April 18, 18:36
Thursday, April 18, 2024
ކުޅިވަރު

ޗެލްސީ އަތުން އާސެނަލް އަށް މުހިއްމު މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީގެ މައްޗަށް 3-1 އިން ކުރި ހޯދައި އާސެނަލް އިން މުހިއްމު މޮޅެއް ހޯދައިފިއެވެ.

ރޭގެ މެޗަކީ މިދިޔަ މަހު އެއް ވަނަ ދުވަހަށްފަހު ލީގުގައި އާސެނަލް އިން ހޯދި ފުރަތަމަ މޮޅެވެ. މި މޮޅާއެކު އާސެނަލް މިހާރު އޮތީ 17 ޕޮއިންޓާ އެކު ލީގުގެ 14 ވަނައިގައެވެ. ޗެލްސީ އޮތީ 25 ޕޮއިންޓާ އެކު ލީގުގެ 7 ވަނައިގައެވެ.

އާސެނަލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު މެޗުގެ 34 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން އާސެނަލް އަށް ކާމިޔާބުކޮށްދިނީ ލަކަޒެޓް އެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން އާސެނަލް އަށް ލިބުނު ހިލޭ ޖެހުމަކުން ގްރޭނިޓް ޒާކާ ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ޗެލްސީ އަށް ފުރަތަމަ ހާފްގައި އާސެނަލްގެ ގޯލާއި އަމާޒުކޮށް ހަމަލާއެއް ފޮނުވާލެވިފައި ނުވާއިރު، ދެވަނަ ހާފްގެ ކުރީކޮޅު ބުކާޔޯ ސަކާ ވަނީ ހިތްގައިމު ގޯލަކާއެކު އާސެނަލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށް ޗެލްސީ ސިއްސުވާލާފައެވެ. މި މެޗުގައި ޗެލްސީން ކާމިޔާބުކުރި ހަމައެކަނި ގޯލު 85 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޓެމީ އަބްރަހަމް އެވެ. އަދި އޭގެ އިރުކޮޅެއްފަހުން ޗެލްސީ އަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ޖޯޖީނިއޯ ފޮނުވާލި އެ ޕެނަލްޓީ އާސެނަލްގެ ކީޕަރު ލެނޯ ވަނީ ދިފާއުކޮށްފައެވެ.

މިއީ ރަށުން ބޭރުގައި ކުޅެ ލީގުގައި ޗެލްސީ ޖެހިޖެހިގެން ބަލިވި ތިންވަނަ މެޗުކަން ފާހަގަކޮށްލެވެއެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު މެންޗެސްޓަރ ޔުނައިޓެޑާއި ލެސްޓަ ސިޓީ ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. އަދި މެންޗެސްޓަރ ސިޓީން 2-0 އިން ނިއުކާސަލްގެ މައްޗަށް ކުރި ހޯދިއިރު އެސްޓަންވިލާ އިން ވަނީ 3-0 އިން ޕެލެސް ބަލިކޮށްފައެވެ. މީގެއިތުރުން ޝެފީލްޑް ޔުނައިޓެޑްގެ މައްޗަށް 1-0 އިން ކުރި ހޯދައި އެވަޓަން ވަނީ ލީގުގެ ދެވަނަ އަށް އަރާފައެވެ.