Last Updated: April 25, 10:16
Thursday, April 25, 2024
ވިޔަފާރި

ބީއެމްއެލް އިސްލާމިކް އިން ގްރީން ފައިނޭންސިން ތައާރަފްކޮށްފި

ބީއެމްއެލް އިސްލާމިކް އިން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ހާއްސަކޮށް ތިމާވެއްޓާ ރައްޓެހި ޕްރޮޖެކްޓްތައް ހިންގުމަށް ގްރީން ފައިނޭންސިންގ ތައާރަފްކޮށްފިއެެވެ.

ބީއެމްއެލް އިން ބުނީ މިއީ އެނާރޖީ އެފިޝަންޓް މުދާ ގަތުމަށް އިންވެސްޓްކުރުމަށާއި ސޯލާ ޕަވަރ ޖެެނެރޭޓް ކުރުންފަދަ ޕްރޮޖެކްޓްތައް ހިންގުމަށް ތައާރަފްކުރެވުނު އައު ފައިނޭންސިންގ ފެސިލިޓީއެއް ކަމަށެވެ.

ގްރީން ފައިނޭންސިންގ މެދުވެރިކޮށް ޝަރުތު ފުރިހަމަވާ ކަސްޓަމަރުންނަށް ރަހުނަކާ ނުލައި %12 ގެ ރޭޓުގައި 50،000 ރުފިޔާ އިން ފެށިގެން 500،000 ރުފިޔާ އާ ހަމަޔަށް ފައިނޭންސް ދޫކުރުމަށް ވަނީ ހަމަޖެހިފައެެވެ.

އަދި ފައިނޭންސް އަނބުރާ ފައިސާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ހަމަޖެހިފައިވާއިރު މި ފައިނޭންސް އަށް އެދި ހުށަހަޅާއިރު އަމިއްލައަށް އެއްވެސް ޚަރަދެއްކުރާކަށް ނުޖެހޭނެއެވެ. މީގެ އިތުރުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުން 20 މިލިއަން ރުފިޔާއާ ހަމަަޔަށް ކުރާ ބޮޑެތި އިންވެސްޓްމަންޓްތައް ހިންގުމަށް %10 ގެ ރޭޓުގައި ރަހުނާއެކު ގްރީން ފައިނޭންސިންގ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ފެސިލިޓީ އަށް އެދި ހުށަހަޅާ ކަސްޓަމަރުން ޖުމްލަ ޚަރަދުގެ %15 އަމިއްލަ އަށް ޚަރަދު ކުރަން ޖެހޭނެއެވެ. އަދި ފައިނޭންސްކޮށްދޭ އަދަދުގެ % 150 އަށް ވުރެ ކުޑަ ނޫން ރަހުނެއް ބަހައްޓަންޖެހޭނެއެވެ. މިފައިނޭންސިންގ އަށް އަނބުރާ ފައިސާދެއްކުމުގެ އެންމެ ދިގު މުއްދަތެއްގެ ގޮތުގައި 20 އަހަރު ވަނީ ކަނޑައެޅިފައެވެ.

ބީއެމްއެލްގެ ޑިރެކްޓަރ އޮފް އިސްލާމިކް ބޭންކިންގ ސުރީ ހާނިމް މުޙައްމަދު ވިދާޅުވީ މި ތައާރަފް ކުރެވުނު ގްރީން ފައިނޭންސިންގ އަކީ ތިމާވެއްޓާ ރައްޓެހި ޕްރޮޖެކްޓް ހިންގުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް އަދި ހާއްސަކޮށް ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކަށް ބޭނުންވާ މިންވަރު ރާއްޖޭގައި އިތުރުވަމުންދާ ނިސްބަތަށް ބަލައި، ޝަރުޢީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ތައާރަފް ކުރެވުނު ފެސިލިޓީއެއް ކަމަށެވެ.

އަދި މިއަދު މި ތައާރަަފްކުރެވުނު ފެސިލިޓީއާއެކު ފަރުދުންނާއި ވިޔަފާރިތަކަށް ރަނގަޅު ޕްރޮޑަކްޓް ޕޯޓްފޯލިއޯއެއް ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ލިބިގެންދާނެ ކަމަށް ހާނިލމް ވިދާޅުވިއެވެ.

ބީއެމްއެލް އިސްލާމިކް ޚިދުމަތްތައް ފަރުމާ ކުރެވިފައިވަނީ އިސްލާމިކް ބޭންކިންގއާ ގުޅޭ ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުޢީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިންނެވެ. ގްރީން ފައިނޭންސިންގ އަށް އެދި ހ. ޒޮނޭރިއާ ގައި ހުންނަ ބީއެމްއެލްގެ އިސްލާމިކް މާލެ ބްރާންޗަށް ހުށަހެޅޭނެއެވެ. އަދި އަތޮޅު ތެރެއިންނަމަ ބީއެމްއެލްގެ ކޮންމެ ބްރާންޗަކަށްވެސް އެދި ހުށަހެޅޭނެއެވެ.