Last Updated: April 20, 06:20
Saturday, April 20, 2024
ވިޔަފާރި

ރިސޯޓް ހަދަން ތިން ރަށަކާއި ބިމެއް ދޫކުރަނީ

އުތުރުގެ ހަތަރު ރަށެއް ފަތުރުވެރިކަމަށް ކުއްޔަށް ދޫކުރަން ބީލަމަށް ހުޅުވާލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނީ ފަތުރުވެރިކަން ތަރައްގީކުރަން ބީލަމަށް ހުޅުވާލި ރަށްތަކަކީ ހއ. އަލިފުއްފަރު ފިނޮޅާއި ހދ. ވައިކަރަމުރައިދޫ (15 ހެކްޓަރުގެ ބިމާއި)، ށ. ކުޑަޅައިމެންދޫ އަދި ނ. ކުންނަމެލައި ކަމަށެވެ.

މިނިސްޓްރީން ބުނީ، އެކަމާ ގުޅޭ މައުލޫމާތު ދިނުމަށް ޖެނުއަރީ 14 ވަނަ ދުވަހުގެ މެންދުރު 1:00 ގައި ޒޫމް މެދުވެރިކޮށް ބައްދަލުވުމެއް ބާއްވާނެ ކަމަށާއި އަންނަ މާޗު މަހުގެ ހަތް ވަނަ ދުވަހުގެ ހެނދުނު 10:00ގެ ކުރިން ބީލަން ހުށަހަޅަން ޖެހޭނެ ކަމަށެވެ.

މައުލޫމާތު ސާފުކުރުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޖެނުއަރީ 13ވަނަ ދުވަހުގެ މެންދުރު 2:00ގެ ކުރިން ޓޫރިޒަމް މިނިސްޓްރީގެ އީމެއިލް planning@tourism.gov.mv އަށް އެކަމަށް އެދި ނަމާއި އީމެއިލް އެޑްރެސް އަދި ފޯނު ނަންބަރު މެއިލް ކުރަންވާނެ ކަމަށްވެސް އިއުލާނުގައި ބުންޏެވެ.

ބީލަން ފޮތް ގަންނަން ހުށަހަޅަން ޖެހޭ އެޕްލިކޭޝަން ފޯމު ޓޫރިޒަމް މިނިސްޓްރީގެ ވެބައިސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށާއި ބީލަން ފޮތް ލިބޭނީ ޑިސެމްބަރު 31 އިން ފެށީގެން މާޗު ހަތަރުވަނަ ދުވަހުގެ ނިޔަލަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 1:00 އާ ދެމެދު ޓޫރިޒަމް މިނިސްޓްރީގެ ރިސެޕްޝަނުން ކަމަށް މިނިސްޓްރީން ބުނެއެވެ.