Last Updated: April 26, 10:52
Friday, April 26, 2024
ކުޅިވަރު

ވެސްޓްބްރޮމް އިން ލިވަޕޫލް ހިފަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލް އާއި ވެސްޓްބްރޮމް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

މި ނަތީޖާއާއެކު ވެސް 32 ޕޮއިންޓާ އެކު ލީގުގެ އެއްވަނައިގައި އޮތީ ލިވަޕޫލް އެވެ. ވެސްޓްބްރޮމް އޮތީ 8 ޕޮއިންޓާ އެކު ލީގުގެ 19 ވަނައިގައެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުގެ 12 ވަނަ މިނެޓްގައި ސަޑިއޯ މާނޭ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. މި ގޯލަށްފަހު ލިވަޕޫލް އިން މެޗު ޑޮމިނޭޓްކޮށްގެން ކުޅުނުއިރު ގޯލްޖަހާނެ ރަނގަޅު އިތުރު ފުރުސަތުތަކެއް ވެސް އެޓީމުން ވަނީ ތަނަވަސްކޮށްފައެވެ.

އެ ފުރުސަތުތަކުގެ ބޭނުން ލިވަޕޫލަށް ނުހިފުނުއިރު މެޗުގެ 82 ވަނަ މިނެޓްގައި ސެމީ އަޖާޔީ ވަނީ ވެސްޓްބްރޮމް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މެޗުގެ ފަހު ވަގުތުގައި ލިވަޕޫލް މޮޅުކޮށްދޭން ރޮބާޓޯ ފަމީނޯ ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާ ވެސްޓް ބްރޮމްގެ ކީޕަރު ސޭމް ޖޯންސްޓޯން ވަނީ ދިފާއުކޮށްފައެވެ.

މި ނަތީޖާއާއެކު ލިވަޕޫލުން މި ފަހަރު ލީގުގައި އަމިއްލަ ދަނޑުގައި ދަމަހައްޓަމުން އައި ސައްތަ އިން ސައްތަ ރެކޯޑް ވަނީ ނިމުމަކަށް އައިސްފައެވެ.

ލީގުގައި ރޭ ޓޮޓެންހަމް އާއި ވުލްވްސް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު، ލީޑްސް އިން ވަނީ 1-0 އިން ބާންލީ ބަލިކޮށްފައެވެ. އަދި ވެސްޓްހަމް އާއި ބްރައިޓަން ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.