Last Updated: April 25, 22:42
Thursday, April 25, 2024
ވިޔަފާރި

އާ ރެކޯޑެއް، އިއްޔެ 6000 އަށް ވުރެ ގިނަ ޓޫރިސްޓުން

ރާއްޖެ އަށް އިއްޔެ އެކަނި ވެސް 6000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ އިއްޔެ ބޯޑަރު ހުޅުވާލިފަހުން އަނެއްކާވެސް ރެކޯޑެއް ގާއިމް ކުރެވުނު ދުވަހެއް ކަމުގައެވެ. އެގޮތުން އިއްޔެ ރާއްޖެ އަށް 6000 އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބޯޑަރު ހުޅުވާލި ފަހުން އައި މީހުންގެ ޖުމްލަ އަދަދު އެއް ލައްކަ އަށް ވުރެ މައްޗަށް އަރާފައިވާއިރު، މިއަހަރުގެ ޖެނުއަރީން މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ ފަސް ލައްކަ އަށް ވުރެ މައްޗަށް އަރާފައެވެ. އެއާއެކު ސަރުކާރުން މިއަހަރަށް ކަނޑައެޅި އަމާޒު ވަނީ ހާސިލުވެފައެވެ.

އެގޮތުން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. މީގެ އިތުރުން އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ދެން ފަތުރުވެރިން އައި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމުތަކަކީ އިނގިރޭސިވިލާތް، އެމެރިކާ، ޔޫއޭއީގެ އިތުރުން ޖަރމަނީ، ޔޫކްރެއިން، ފްރާންސް، ސްޕެއިން އަދި ބްރެޒިލްއެވެ.