Last Updated: April 26, 23:59
Friday, April 26, 2024
ވިޔަފާރި

ކުދި ވިޔަފާރިތަކަށް 342.3 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

ކޮވިޑް-19 އާއި ގުޅިގެން ކުދި ވިޔަފާރިތަކަށް އެހީވުމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް މިހާތަނަށް 342.3 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 24 ވަނަ ދުވަހާއި ހަމައަށް ލޯނުގެ ގޮތުގައި 2039 ފަރާތަކަށް 342.3 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެެ. އޭގެ ތެރޭގައި ކުދި ވިޔަފާރިއާއި މެދު ފަންތީގެ 1403 ވިޔަފާރިއަކަށް ދޫކޮށްފައިވާ 323.3 މިލިއަން ރުފިޔާ އާއި އަމިއްލަ މަސައްކަތްކުރާ 636 ފަރާތަކަށް ދޫކުރި 19 މިލިއަން ރުފިޔާ ހިމެނެއެވެ.

އަދި ލޯނަށް އެދި 4،000 އަށް ވުރެ ގިނަ ފަރާތަކުން ހުށަހަޅާފައިވާއިރު، މީގެތެރެއިން ލޯން ދިނުމަށް މިހާތަނަށް ނިންމާފައިވަނީ 2198 ފަރާތަަކަށެވެ. އެއީ ޖުމްލަ 378.6 މިލިއަން ރުފިޔާގެ ލޯނެވެ.

ލޯން ދޫކުރުމަށް ހަމަޖެހިފައިވާ ވަކިވަކި ދާއިރާތަކަށް ބަލާލާއިރު، އެންމެ ގިނަ އަދަދަކަށް ލޯން ހަމަޖެހިފައިވަނީ މުދާ ވިއްކުމުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށެވެ. އެގޮތުން އެފަދަ 842 ވިޔަފާރިއަކަށް 199.3 މިލިއަން ރުފިޔާގެ ލޯން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮވިޑް-19އާ ގުޅިގެން ސަރުކާރުން އިއުލާންކޮށްފައިވާ 2.5 ބިލިއަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖުގެ ދަށުން އެސްޑީއެފްސީން ލޯނު ދޫކުރާނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ވިޔަފާރިތަކަށް އަހަރަކު 10 މިލިއަނުން ދަށުގެ އާމްދަނީގެ ވިޔަފާރިތަކަށެވެ.