Last Updated: April 23, 14:18
Tuesday, April 23, 2024
ވިޔަފާރި

ވެހިކަލްތަކުގެ އަހަރީ ފީ ސްޓިކަރ އޮންލައިންކޮށް ދޫކުރަން ނިންމައިފި

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) - ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

އެއްގަމު އުޅަނދުގެ އަހަރީ ފީ ދެއްކުމުން ދޫކުރުމަށް އައު ސްޓިކަރއެއް ތައާރަފުކޮށް އަންނަ މަހުގެ އެކަކުން ފެށިގެން އެއްގަމު އުޅަނދުގެ އަހަރީ ފީ އޮންލައިންކޮށް ދައްކާ ފަރާތްތަކަށް، އޮންލައިންކޮށް ސްޓިކަރ ލިބޭނެ އިންތިޒާމް މީރާއިން ހަމަޖައްސައިފިއެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، 1 ޖަނަވަރީ 2021 އިން ފެށިގެން އެއްގަމު އުޅަނދުގެ އަހަރީ ފީ އޮންލައިންކޮށް ދައްކާ ފަރާތްތަކަށް މީރާއިން ސްޓިކަރ ދޫކުރާނީ އީމޭލް މެދުވެރިކޮށް، އެ ފަރާތުން އަމިއްލައަށް ޕްރިންޓްކުރެވޭނެ ގޮތަށެވެ.

މީގެ އިތުރުން، މީރާއިން މައުލޫމާތުދޭގޮތުގައި، އެއްގަމު އުޅަނދުގެ އަހަރީ ފީ އެ އޮތޯރިޓީގެ ކައުންޓަރުތަކަށް ދައްކާ ފަރާތްތަކަށްވެސް 1 ޖަނަވަރީ 2021 އިން ފެށިގެން ޕްރިންޓް ކުރުމަށްފަހު ދޫކުރަން ހަމަޖެހިފައިވަނީ މި ދެންނެވުނު ސްޓިކަރއެވެ.

އެހެންނަމަވެސް، 31 ޑިސެންބަރު 2020 ގެ ނިޔަލަށް ދައްކާފައިވާ ވެހިކަލް ފީ އަކާ ގުޅިގެން، އެ ފަރާތުން އެދިއްޖެ ހާލަތެއްގައި މިހާރު ބޭނުންކުރަމުންދާ ސްޓިކަރ ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ދޫކުރަމުން ގެންދާނެކަމަށް މީރާއިން މައުލޫމާތުދެއެވެ.

އަހރީ ފީ ސްޓިކާއަށް މި ގެނެވުނު ބަދަލާއެކު، ފައިސާ ދައްކާ ފަރާތްތަކަށް ސްޓިކާ ހޯދުން ފަސޭހަވުމުގެ އިތުރަށް، ސްޓިކާގައިވާ QR ކޯޑް މެދުވެރިކޮށް ސްޓިކާގެ ސައްޚަކަން ބެލޭނެ ގޮތް ހަމަޖެހިފައިވާތީ، ވެހިކަލް ފީ ދައްކައިފައިވާކަން ކަމާބެހޭ އިދާރާތަކުން ބެލުމުގެ ނިޒާމަށް މިކަމުގެ ސަބަބުން އިތުރު ހަރުދަނާކަމެއް އަންނާނެކަމަށްވެސް މީރާއިން މައުލޫމާތު ދެއްވައެވެ.