Last Updated: April 19, 22:45
Saturday, April 20, 2024
ވިޔަފާރި

އަންނަ އަހަރުގެ ޖޫން އިން ފެށިގެން ސުޕާރީ ޕެކެޓް އެތެރެކުރުން މަނާ

އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން ރާއްޖެ އަށް ސުޕާރީ ޕެކެޓް އެތެރެކުރުން މަނާކުރަން ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުން މިގޮތަށް ނިންމީ ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެހީގެ ތެރެއިން ސިންގަލް ޔޫޒް ޕްލާސްޓިކުގެ ގޮތުގައި ބައެއް ތަކެތި ކަނޑައެޅުމާބެހޭ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުންނެވެ. އެގޮތުން މި ގަރާރުގައި ވަނީ 12 ބާވަތެއް ރާއްޖެ އަށް އިމްޕޯޓު ކުރުން މަނާކޮށްފައެވެ.

ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް ގެނައި 18 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ވަނީ މި މަހުގެ 22 ވަނަ ދުވަހު ތަސްދީގު ކުރައްވާފައެވެ. އެ ބިލުގައިވާ ގޮތުން ޕްލާސްޓިކާއި ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ ތަކެތީގެ ތެރެއިން، ސިންގަލް-ޔޫޒް ޕްލާސްޓިކް ނުވަތަ ޕްލާސްޓިކުން ތައްޔާރުކޮށްފައިވާ ތަކެތީގެ ތެރެއިން އެއް ފަހަރު ބޭނުންކޮށްފައި އުކައިލެވޭ ޒާތުގެ ތަކެތީގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ތަކެތި ރާއްޖެއަށް އެތެރެކުރުން މަނާވާނެއެވެ.

އަދި، އެފަދަ ތަކެތީގެ ލިސްޓެއް، އެކި މަރުޙަލާ ތަކަކަށް ބައްސަވާލައްވައިގެން، ކަނޑައެޅުއްވުމުގެ އިޚްތިޔާރު މި ބިލުގައި ރައީސުލްޖުމްހޫރިއްޔާއަށް ދެއްވާފައިވެއެވެ.

އެގޮތުން މިއަދު ގެޒެޓުކުރި ލިސްޓުގައިވާ ގޮތުން އަންނަ އަހަރުގެ ޖޫން މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ސިންގަލް ޔޫޒް ޕްލާސްޓިކްގެ ގިނަ ބާވަތްތަކެއް އެތެރެކުރުން ވަނީ މަނާކޮށްފައެވެ.

ޖޫން 2021 އިން ފެށިގެން އެތެރެކުރުން މަނާވާ ބާވަތްތައް:

1- ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ހޮޅި

2- ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ، ދިޔާތަކެތި ގިރަން ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު

3- ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި

4- ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު

5- ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ އިމްޕޯޓްކުރާ ސުޕާރީ

6- 250 މިލިލީޓަރަށް ވުރެ ކުޑަ ސިންގަލް ޔޫސް ކޮފީ ތަށި

7- ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު

8- 50 މިލިލީޓަރާއި އެއަށްވުރެ ކުދި ޝޭމްޕޫ އަދި ސައިބޯނި ފުޅި

9- ރާއްޖެއަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށް ވުރެ ކުދި ޕެޓު ފުޅި (ފެނާއި ލުއި ބުއިން ހިމެނޭ ގޮތަށް)

މީގެއިތުރުން މި ލިސްޓުގައި ވަނީ 2022 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ ޑިސެމްބަރުން ފެށިގެން ރާއްޖެއަށް އެތެރެކުރުން މަނާކުރެވޭ ޕްލާސްޓިކްގެ ބާވަތްތައް ވެސް ހިމަނައިފަ އެވެ. އޭގެތެރޭގައި ހިމެނެނީ ބާޒާރުކުރަން ބޭނުންކުރާ 50 މައިކްރޯނަށް ވުރެ ތުނި ޕްލާސްޓިކް ކޮތަޅުގެ އިތުރުން، 50 މިލިލީޓަރާއި 200 މިލިލީޓަރާ ހަމައަށް ކުދި ޝޭމްޕޫ އަދި ސައިބޯނި ފުޅީގެ އިތުރުން 1 ލީޓަރާއި އެއަށް ވުރެ ކުދި ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ ފެނެވެ.