Last Updated: April 20, 14:10
Saturday, April 20, 2024
ކުޅިވަރު

ލީޑު ފުޅާކޮށްލަން ލިބުނު ފުރުސަތު ލިވަޕޫލުން ނަގާލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑާ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެ، ލީގުގެ އެއްވަނައިގައި ފަސް ޕޮއިންޓްގެ ލީޑެއް ނަގަން ލިބުނު ފުރުސަތު ލިވަޕޫލުން ނަގާލައިފި އެވެ.

މި ނަތީޖާއާއެކު އެއްވަނައިގައި ލިވަޕޫލް މިހާރު އޮތީ 33 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 30 ޕޮއިންޓާ އެކު މެންޗެސްޓަރ ޔުނައިޓެޑް އޮތްއިރު ނިއުކާސަލް އޮތީ 19 ޕޮއިންޓާ އެކު ލީގުގެ 14 ވަނައިގައެވެ.

ނިއުކާސަލްގެ ދަނޑުގައި ކުޅުނު މި މެޗުގައި ގޯލެއް ކާމިޔާބުކުރަން ލިވަޕޫލުން ރަނގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއިރު އެ ފުރުސަތުތަކުގެ ހުރަހަކަށްވީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ނިއުކާސަލްގެ ކީޕަރު ކާލް ޑާލޯއެވެ. އެގޮތުން އޭނާ ވަނީ ލިވަޕޫލްގެ ފަމީނޯ އާއި ސަލާހު ފޮނުވާލި ހަމަލާތައް ދިފާއުކޮށްފައެވެ.

މީގެއިތުރުން މެޗުގެ ފަހު ވަގުތުކޮޅުތެރޭ މާނޭ ފޮނުވާލި ހަމަލާއެއް ނިއުކާސަލްގެ ޑިފެންޑަރުން ގޯލުގެ ހުރަސް ރޮގުމަތިން ވެސް ދިފާއުކޮށްފައިވެއެވެ.

މިއީ 2013 ވަނަ އަހަރަށްފަހު ލިވަޕޫލަށް އަހަރު ނިންމާލުމުގެ ގޮތުން ކުޅުނު މެޗު ކާމިޔާބު ނުކުރެވުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. އަދި މިއީ މި ފަހަރު ލީގުގައި ލިވަޕޫލް ކުޅުނު މެޗެއްގައި އެ ޓީމުން ލަނޑެއް ނުޖެހި ނިންމާލަން ޖެހުނު ފުރަތަމަ މެޗުވެސް މެއެވެ.

ލީގުގައި ލިވަޕޫލް ދެން ބައްދަލުކުރާނީ ސައުތްހެމްޓަންއާއެވެ.