Last Updated: February 24, 22:38
Wednesday, February 24, 2021
ޚަބަރު

މިއަހަރުވެސް އެންމެ އިސްކަން ދޭނީ ޔާމީން މިނިވަންކުރަން: އިދިކޮޅު

މިއަހަރުވެސް އެންމެ އިސްކަން ދޭނީ ޔާމީން މިނިވަންކުރުމަށް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

އާ އަހަރާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ނިމިގެންދިޔަ 2020ވަނަ އަހަރަކީ ރައީސް ޔާމީން ހުރަގެއިން މިނިވަން ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރި އަހަރެއް ކަމަށާއި ރައީސް ޔާމީން މިނިވަންކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކޯލިޝަންގެ ސިޔާސީ ޙަރަކާތްތައް އިތުރަށް ވަރުގަދަވެ، މެމްބަރުން އިތުރުވެ، ގިނަ ބައެއްގެ އެއްބާރުލުމާއި އެހީތެރިކަމާއެކު ސިޔާސީ ޙަރަކާތްތައް ފުޅާވެ ވަރުގަދަވެގެން ގޮސްފައިވާ ކަމަށެވެ.

އަދި ކޯލިޝަންގެ ސްޓިއަރިންގ ކޮމިޓީތައް އުފެދި، ރާއްޖޭގެ އެކިކަންކޮޅު ތަކުގައި ރުކުރުވާލެވި، ކޯލިޝަންގެ ސިޔާސީ މަސައްކަތްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން ފެށިގެން ދިއުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އިދިކޮޅުން ބުނެއެވެ.

"އިރާދަކުރެއްވިއްޔާ މިފެށުނު 2021ވަނަ އަހަރުވެސް އެންމެ އިސްކަންދޭނީ ރައީސް ޔާމީން މިނިވަންކުރުމުގެ މަސައްކަތަށެވެ. އަދި ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށެވެ. އެކަމަށްޓަކައި ކޯލިޝަންގެ ސިޔާސީ ޙަރަކާތްތައް އިތުރު ހަރުފަތަކަށް ގެންދިއުމަކީ ވަރަށްބޮޑު އަމާޒެކެވެ" އިދިކޮޅުން ބުނެއެވެ.

މިދިޔަ އަހަރު ވެގެންދިޔައީ ދުނިޔެއަށާއި މުޅި ރާއްޖެއަށްވެސް ވަރަށް ހިތްދަތިކަމާއި ނުތަނަވަސްކަން ކުރިމަތިކުރުވި އަހަރަކަށް ކަމަށާއި އެގޮތުން ކޯވިޑް19ގެ ސަބަބުން ދުނިޔެއަށް ކުރިމަތިވި އިގްތިސާދީ ލޮޅުންތަކާއި ދަތިތައް ރާއްޖެއަށްވެސް ކުރިމަތިވިއިރު މިހިތްދަތިކަމާއި ނިކަމެތިކަން ރައްޔިތުންނަށް އިތުރުވެގެން ދިޔައީ މިސަރުކާރުގެ ނާގާބިލްކަމާއި، ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ކަމަށް އިދިކޮޅުން ބުނެއެއެވެ.

"މުޅި ނިޒާމު ކޮރަޕްޝަންގެ ހާއްޔަކަށްވެ، ރައްޔިތުން ފުރަބަންދުގައި ބައިތިއްބައިގެން ރައްޔިތުންގެ ބައިތުލްމާލު ހުސްކޮށް، އެކި ނަންނަމުގައި ރައްޔިތުންގެ ފައިސާއިން ކޮރަޕްޝަންގެ ބޮޑެތި ޢަމަލުތައް ހިންގުމުގެ ސަބަބުންނެވެ. އެހެންކަމުން ދިވެހި އެތަކެއް ޒުވާނުންގެ ވަޒީފާގެއްލި ނިކަމެތިން އިތުރަށް ނިކަމެތިވެ، އެތައް ބައެއްގެ ގެދޮރު ގެއްލި ދިރިއުޅުމުގެ ޙާލަތުމިވަނީ ދަށަށްގޮސްފައެވެ" އެ ބަޔާނުގައި ވެއެވެ.

އެހެންކަމުން، ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށް ފުރިހަމަ ހަރުދަނާ މަސައްކަތްތަކެއްކުރުމަށާއި، ވެފައިވާ ވަޢުދުތައް ފުއްދުމަށް އިދިކޮޅުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.