Last Updated: March 29, 14:00
Friday, March 29, 2024
ރިޕޯޓް

އަހަރެއް ނިމިއްޖެ، ދިވެހި އެތައް ދަރިވަރުންނެއް މާޔޫސްކަމުގައި!

2020 ވަނަ އަހަރުގެ ފެށުން ވެސް އަދި ނިމުން ވެސް އައީ އައްޑޫ ސިޓީ ގަމުގައި ހިންގާ ފްލައިން ސްކޫލްގައި ކިޔަވާ ދަރިވަރުންނަށް މާޔޫސް ގޮތަކަށެވެ. މިދިޔަ އަހަރަކީ ފާއިތުވި އެހެން އަހަރުތަކާއި ހިލާފަށް ދަރިވަރުން "ބިރު ފަހަނައަޅައި" ކަންބޮޑުވުންތައް އޮއްސާލި އަހަރެކެވެ. ސްކޫލްގައި ހުރި މައްސަލަތައް ދަރިވަރުން އާންމުންނާ ހިސާބަށް ތިލަކުރިއެވެ. އަހަރު ނިމުމުގެ ކުރިން ކޮންމެވެސް ވަރެއްގެ އުއްމީދީ ބަދަލުތަކެއް ފެންނާނެ ކަމަށް ހީކުރެވުނު ނަމަވެސް މުއައްސަސާތަކަށް އެންމެ ބޮޑު ވަރަކަށް ވެސް ކުރެވުނީ ބަޔާން ނެރުލުމެވެ.

އަހަރު ފެށުނުތަނުން ބޯޓު ވެއްޓި، ބައެއް ދަރިވަރުންގެ ކޯސް ހުއްޓުމަކަށް

މިދިޔަ އަހަރު ފެށުނު ތަނާހެން ގޮތަކަށް ސްކޫލްގައި ސީޕީއެލް ޗެކްރައިޑް އަޅަން ބޭނުންކުރަމުން އައި ސެސްނާ 172 އާރްޖީ ބޯޓު ވެއްޓި ދަރިވަރުންގެ ކޯސް ހުއްޓުމަކަށް އައެވެ. އޭރު އެ ބޯޓު މެދުވެރިކޮށް ޗެކްރައިޑް އަޅަމުން 12 ދަރިވަރަކު ދިޔައެވެ. އޭގެ އިތުރުން ކިޔޫގައި ވެސް އެތައް ދަރިވަރުންނެއް ތިއްބެވެ. މި ބޯޓަކީ 2019 ވަނަ އަހަރުން ފެށިގެން ވެސް އެތައް މައްސަލަތަކެއް ދިމާވަމުންދިޔަ ބޯޓެއް ނަމަވެސް ސްކޫލުން އެކަމަށް ހައްލެއް ގެނެސްފައެއް ނުވެއެވެ. މީގެ ސަބަބުން އެންމެ ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހުނީ އޭރު އެ ބޯޓުގައި ޗެކްރައިޑް އެޅުމުގެ މަގުމަތީގައި ތިބި 12 ދަރިވަރުންނަށެވެ.

އެގޮތުން 2019 ވަނަ އަހަރުން ފެށިގެން ވެސް މި 12 ދަރިވަރުން ދިޔައީ އެ ބޯޓުގައި ޗެކްރައިޑް އަޅަން ތައްޔާރުވަމުންނެވެ. ނަމަވެސް މިދިޔަ އަހަރުގެ ކުރީކޮޅު އެ ބޯޓު ވެއްޓުމުން އެ ދަރިވަރުންނަށް ދެ އަހަރު ވަނީ ބޭކާރުވެގެން ގޮސްފައެވެ. ދެ އަހަރު ބޭކާރުވިއިރު ވެއްޓުނު ބޯޓަށް ދަރިވަރުން 4000 އާއި 5000 ޑޮލަރުގެ އަދަދެއް ހޭދަކުރިއެވެ. ސްކޫލުން މިކަމުގައި ޒިންމާ ނަގަން ނެތްއިރު، 10،000 ޑޮލަރު ދެއްކުމަށްފަހު ސްކޫލުން ދެއްކި އެހެން ބޯޓެއްގައި ޗެކްރައިޑް އަޅަން އެ 12 ދަރިވަރުންނަށް މިހާރު ވަނީ މަޖުބޫރު ވެފައެވެ. މިއީ ދަރިވަރުންނަށް ދެއްކޭނެ އަދަދެއްގެ ފައިސާ އަކަށް ނުވާއިރު، އެ ދަރިވަރުންގެ ކޯސް މިއަދު ވަނީ ހުއްޓުމަކަށް އައިސްފައެވެ. ސްކޫލްގައި ކިޔަވަމުންދާތާ ހަތަރު، ފަސްވަރަކަށް އަހަރުވެފައިވާ މި 12 ދަރިވަރުންގެ އިތުރުން ޗެކްރައިޑް އަޅަން ކިޔޫގައި ތިބި އެތައް ދަރިވަރުންތަކެއްގެ ހައްގުތައް ވެސް ދަނީ ގެއްލެމުންނެވެ. މިކަމުގައި ދަރިވަރުން އާދޭސް ނުދަންނަވާ ދައުލަތުގެ މުއައްސަސާއެއް ނެތެވެ. އިތުރު ދުވަސްތަކެއް ހޭދަނުކޮށް މިކަމަށް ބޭނުންވަނީ އަވަސް ހައްލެކެވެ.

ކޮވިޑަށް ލޮކްޑައުން ކުރުމުން ސްކޫލް ގަދަ ނިދީގައި!

ކޮވިޑް-19 ގެ ސަބަބުން ސްކޫލް ހަތަރު މަހަށް ބަންދުކުރިއިރު ޒިންމާވާންޖެހޭ ދަރިވަރުންނެއް، އަދި އަލުން ދަރިވަރުންނަށް ފްލައި ކުރެވޭނެ ގޮތެއް ހޯދައިދިނުމުގެ ވިސްނުމެއް ވެސް ސްކޫލުން ގެންގުޅެފައެއް ނުވެއެވެ. އޭގެ ހެއްކަކީ ވެއްޓުނު ބޯޓުގެ ބަދަލުގައި އެހެން ބޯޓެއް ގެންނަން ސްކޫލުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވުމެވެ. އަދި ޖުލައި އެކެއްގެ ފަހުން މިދިޔަ މަހުގެ ނިޔަލަށް ސްކޫލްގައި ބޭނުން ކުރަމުން އައީ އެންމެ ދެ ބޯޓެވެ. އެއީ ކޯހުގެ ފަހު މަރުހަލާގައި ތިބި ދަރިވަރުންނަށް ކޯސް ނިންމޭނެ ދެ ބޯޓެއް ނޫނެވެ.

ޝަކުވާތަކުގެ އަޑުއުފުލާތާ ތިން މަސް، ހައްލެއް ނާދޭ

ސްކޫލްގައި ހުރި މައްސަލަތަކުގެ ވާހަކަތައް ދަރިވަރުން އާންމުންނާއި ހަމައަށް އެންމެ ފުރަތަމަ ފެންމަތި ކުރަން ފެށީ މިދިޔަ އޮކްޓޫބަރު މަހުން ފެށިގެންނެވެ. މި ވާހަކަަތައް އާންމުންނާއި ހަމައަށް ދަރިވަރުން ތިލަކުރީ އޭގެ ކުރިން ވެސް އެކި މުއައްސަސާތަކުގެ ސަމާލުކަމަށް ގެނެސްގެން ވެސް ހައްލެއް ނުލިބުމުންނެވެ. ދަރިވަރުންގެ ކަންބޮޑުވުންތައް ތިލަކުރުމާއެކު ދައުލަތުގެ މުއައްސަސާތަކުން މި މައްސަލަ އަށް ހައްލެއް ގެންނަން އަވަސްވިއެވެ. އެއާއެކު ރަނގަޅު ހައްލެއް އަހަރު ނިމުމުގެ ކުރިން ފެންނާނެ ކަމުގެ އުއްމީދު ދަރިވަރުންނަށް ވެސް ހީވިއެވެ.

އެގޮތުން ބައެއް ކަންކަން ސްކޫލްގައި އަހަރު ނިމުނުއިރު ރަނގަޅު ވެފައި ވެސް އެބަ ހުއްޓެވެ. އެގޮތުން ޗެކްރައިޑް އަޅަން މަލްޓި އިންޖީން އެއާ ކްރާފްޓެއް ވެސް ނެރުނެވެ. ނަމަވެސް މި ބޯޓުގައި ޗެކްރައިޑް އަޅާނަމަ ގަޑިއިރަކަށް 600 ޑޮލަރު ދަރިވަރުން ހޭދަކުރަންޖެހެއެވެ. ޗެކްރައިޑް އަޅަން މި ބޯޓު އެކަނި އޮތުމުން އިތުރު ދަރިވަރުން ކިޔޫގައި ޖެހި އަތުން ހޭދަކުރަންޖެހޭ ފައިސާގެ އަދަދު ވެސް އިތުރުވާނެއެވެ.

އާ އަހަރަކާއެކު ދަރިވަރުން އުއްމީދަކީ އަވަސް ހައްލެއް

މިދިޔަ އަހަރު ނިމުނުއިރު ބައެއް ކަންކަން ރަނގަޅު ކުރަން މުއައްސަސާތަކުން މަސައްކަތް ވެސް ކޮށްފައިވެއެވެ. އެގޮތުން ސްކޫލްގެ ކަންކަން ބެލެހެއްޓުމަށް ސިވިލް އޭވިއޭޝަންގެ ފަރާތުން މީހެއް ސްކޫލްގައި މިހާރު ވަނީ ބަހައްޓާފައެވެ. އެއީ ކުރިއަށް އޮތް ތަނަށް ރަނގަޅު ބަދަލުތަކެވެ.

ދަރިވަރުންގެ މިއަހަރުގެ އެންމެ ބޮޑު އުއްމީދަކީ ކޯސް ނުނިމި ގިނަ ދުވަސްވެފައިވާ ދަރިވަރުންނަށް އަވަސް ހައްލެކެވެ. އުއްމީދަކީ ޗެކްރައިޑް އަޅަން ކިޔޫގައި ތިބި ގިނަ އަދަދެއްގެ ދަރިވަރުންނަށް ވެސް ރަނގަޅު ގޮތްތަކެއް ހަމަޖެހުމެވެ. ޖުމްލަ ހައްލަކީ އެއީއެވެ.

މިއަހަރަކީ ބަޔާންތައް ނެރޭ އަހަރެއްގެ ބަދަލުގައި އަމަލީ ގޮތުން ބަދަލުތަކެއް ފެންނާނެ އަހަރަކަށް ވުމެވެ. މި ސްކޫލުން ކޯސް ނިންމައިގެން އޭވިއޭޝަން ދާއިރާއިން މި ދަރިވަރުން ފެނުމަކީ ގައުމަށް ވެސް ލިބޭނެ ރީތި ނަމެކެވެ. އެ ފުރުސަތު ދަރިވަރުންނަށް މަގުފަހިކޮށްދިނުމުގެ ބާރު މިއަދު އޮތީ މުއައްސަސާތަކުގެ އަތް މަތީގައެވެ. ސްކޫލުން ދޫނުދީ ގަދަ ދައްކާނަމަ އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅައިގެން ވިޔަސް މިއީ މިކަމަށް ހައްލު ގެންނަ އަހަރު ކަމަށް ހަދަން ޖެހެވެ.