Last Updated: April 26, 06:56
Friday, April 26, 2024
ކުޅިވަރު

ޔުނައިޓެޑުން އެއްވަނައިގައި އޮތް ލިވަޕޫލާ އަރާ ހަމަކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެސްޓަންވިލާގެ މައްޗަށް 2-1 އިން ކުރި ހޯދައި ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލްއާ ޕޮއިންޓުގެ ގޮތުން މެންޗެސްޓަރ ޔުނައިޓެޑުން އަރާ ހަމަކޮށްފިއެވެ.

ރޭގެ ނަތީޖާއާއެކު ޔުނައިޓެޑަށް 16 މެޗުން 33 ޕޮއިންޓް ލިބިފައިވާއިރު، ލިވަޕޫލަށް ވެސް 16 މެޗުން ލިބިފައި ވަނީ 33 ޕޮއިންޓެވެ. ލިވަޕޫލް މިވަގުތު އެއްވަނައިގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ރޭގެ މެޗުގައި ޔުނައިޓެޑްގެ ގޯލުތައް ކާމިޔާބުކޮށްދިނީ އެންތޮނީ މާޝިއަލް އާއި ބްރޫނޯ ފަނާންޑޭޒް އެވެ. ފެނާންޑޭޒް ޖެހި ގޯލަކީ ޕެނެލްޓީއެކެވެ. މި މެޗުން މޮޅުވި ގޯލު ފަނާންޑޭޒް ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގެ ކުރީކޮޅު ބާޓްރޭންޑް ޓްރައޯރޭ އެސްޓަންވިލާ އަށް ނަތީޖާ އެއްވަރުކޮށްދީފައިވަނިކޮށެވެ.

ޔުނައިޓެޑުން ރޭގެ މޮޅާއެކު މިހާރު ވަނީ ލީގުގައި އެންމެފަހުން ކުޅުނު 10 މެޗުގެ ތެރެއިން 8 މެޗުން މޮޅުވެފައެވެ. އެއާއެކު އަހަރުތަކަކަށްފަހު ލީގު ހޯދުމަށް ޔުނައިޓެޑުން ކުރަމުން އަންނަ އުއްމީދު މިހާރު ވަނީ ވަރަށް ބޮޑަށް އާވެގެން ގޮސްފައެވެ.

ލީގުގައި ޔުނައިޓެޑް ދެން ބައްދަލުކުރާނީ ބާންލީއާއެވެ.