Last Updated: April 25, 12:03
Thursday, April 25, 2024
ކުޅިވަރު

ލީޑްސް ބަލިކޮށް ޓޮޓެންހަމް ތިންވަނަ އަށް

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ލީޑްސް ޔުނައިޓެޑްގެ މައްޗަށް 3-0 އިން ކުރި ހޯދައި ލީގުގެ ތިންވަނަ އަށް ޓޮޓެންހަމް އަރައިފިއެވެ.

މި މޮޅާއެކު ލީގުގެ ތިންވަނައިގައި ޓޮޓެންހަމް މިހާރު އޮތީ 29 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި އޮތް މެންޗެސްޓަރ ޔުނައިޓެޑް އަދި އެއްވަނައިގައި އޮތް ލިވަޕޫލަށް ލިބިފައިވަނީ 33 ޕޮއިންޓެވެ. ލިވަޕޫލް ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ.

ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުން ކާމިޔާބުކުރި ފުރަތަމަ ގޯލު މެޗުގެ 29 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ހެރީ ކޭން އެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ސޮން ވަނީ ޓޮޓެންހަމްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ޓޮޓެންހަމް އިން ނިންމާލިއިރު ދެވަނަ ހާފްގެ ކުރީކޮޅު ޓޯބީ އަލްޑަވެއިރަލްޑް ވަނީ އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. މި ގޯލަށްފަހު ވެސް ދެވަނަ ހާފްގައި ޓޮޓެންހަމް އަށް ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް މި ހާފުގައި ލިބިފައިވެއެވެ.

މެޗުގެ ފަހު މިނެޓްގައި ޓޮޓެންހަމްގެ ޑޮހާޓީ އަށް ދެއްކި ރަތްކާޑާއެކު މި މެޗު އެޓީމުން ނިންމާލީ 10 ކުޅުންތެރިންނާއެކުއެވެ.

މިރޭގެ މޮޅަކީ މިދިޔަ މަހުގެ ހަވަނަ ދުވަހަށްފަހު ލީގުގައި ޓޮޓެންހަމް އިން ހޯދި ފުރަތަމަ މޮޅުކަން ފާހަގަކޮށްލެވެއެވެ.