Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

އަދީބު ހިންގި ޢައިރު ޤާނޫނީ އަމަލުތައް ހުއްޓުވަން ފައިރޫޝް އެހީވި: އުމަރު

އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި، ޑރ. އަބްދުﷲ ފައިރޫޝް އަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ތައުރީފު ކުރައްވައިފިއެވެ.

20 އަހަރަށްފަހު ފުލުހުންގެ ހިދުމަތުން ފައިރޫޝް އިއްޔެ ރިޓަޔާ ކުރެއްވިއިރު، ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުން ފައިރޫޝް ރިޓަޔާ ކުރެއްވީ ފުލުހުންގެ އާ ގާނޫނުގެ ސަބަބުންނެވެ.

ފައިރޫޝް ރިޓަޔާ ކުރެއްވުމުން އުމަރު ވިދާޅުވީ ފައިރޫޝް އަކީ ވަރަށް ތަޢުލީމީ އަދި ހުނަރުވެރި އޮފިސަރެއް ކަމަށާއި ވެރިންގެ އަރިހުގައި ގޯހަށް ގޯހޭ ބުނަން ކެރޭ ބޭފުޅެއް ކަމަށްވާއިރު ޢައިރު ޤާނޫނީ އަމުރު ތަކަށް ތަބާނުވާނޭ ކަމަށް ބުނަން ކެރޭ ބޭފުޅެއް ކަމަށެވެ.

"އަޅުގަނޑުގެ ވަޒީރު ކަމުގައި އަދީބުގެ ނުބައި އަމަލުތަކަށް ފާޅުގައި ނޫނެކޭ ވިދާޅުވާން ކެރުނު މަދު އޮފިސަރުންގެ ތެރޭގައި ފައިރޫޝް ހިމެނުނު. ފުލުހުންގެ މަދު ބަޔަކު ބޭނުން ކޮށްގެން އަދީބު ހިންގަމުން ގެންދިޔަ ޢައިރު ޤާނޫނީ އަމަލުތައް ހުއްޓުވުމުގައި އެކިގޮތްގޮތުން އަޅުގަޑަށް އެހީތެރިވެ ދެއްވި. އެކަމާ ގުޅިގެން ފައިރޫޝް ގެ ޒިންމާ ކުޑަކޮށް، 'އެހެލަން' މަސައްކަތް ކުރެވުނު" އުމަރު ވިދާޅުވިއެވެ.

އުމަރު ވަނީ މި ރާއްޖެ އަށް ޚިދުމަތް ކުރެއްވުމުގައި ދެމި ހުންނެވުމަށް ފައިރޫޝް އަށް ގޮވާލާފައެވެ. އަދި 'ސިޔާސީ ޖާހިލުން' ގެ އަތަށް ޤައުމު ދޫނުކޮށް ޤައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި ރާއްޖޭގައި ދެމި ހުންނެވުމަށް ވެސް އުމަރު ވަނީ ފައިރޫޝް އަށް ގޮވާލާފައެވެ.

ފައިރޫޝް އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމުން ފުލުހުންގެ ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ބޭފުޅާއެވެ. އަދި އޭރު އެމްޑީޕީގެ މެންބަރުން ފައިރޫޝް އަށް ދިޔައީ ފާޑުކިޔުންތައް އަމާޒު ކިޔަމުންނެވެ.

އަދި ނަޝީދުގެ ވެރިކަން ވެއްޓުމަށް އޭރު ހިނގާދިޔަ ކަންކަމުގައި އިސް ދައުރެއް ފައިރޫޝް އަދާކުރެއްވި ކަމަށް އެމްޑީޕީގެ މެމްބަރުން ތުހުމަތުކުރާއިރު އެ ކަންކަން ބެލުމަށް ތަކުރާރުކޮށް އަންނަނީ ގޮވާލަމުންނެވެ.