Last Updated: March 28, 19:01
Thursday, March 28, 2024
ވިޔަފާރި

ދިވެހިންނަށް އަމާޒުކޮށްގެން އެމްޓީސީސީން ހުނަވަރު ޕްރޮގްރާމް ފަށަނީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، (އެމްޓީސީސީ) އިން ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ނަމުގައި 2018 ވަނަ އަހަރު ކުރިއަށްގެންދިޔަ ތަމްރީންކުރުމުގެ ޕްރޮގްރާމް މިއަހަރު އަލުން ފެށުމަށް ނިންމައިފިއެވެ.

ހުނަވަރު ޕްރޮގްރާމްއަކީ މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައިވާ ދިވެހިން ބިނާކުރުމަށް އެމްޓީސީސީއިން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. ހުނަވަރު ޕްރޮގްރާމްގެ މަޤްސަދަކީ ތަމްރީނާއި، ތަޖުރިބާ ލިބިފައިވާ މަސައްކަތްތެރި މުވައްޒަފުން އެމްޓީސީސީގެ އެކި ވަޒީފާތަކަށް ހޯދުމެވެ.

އެމްޓީސީސީން ބުނީ މި އަހަރުގެ ހުނަވަރު ޕްރޮގްރާމް ކުރިޔަށް ގެންދާނީ ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހި ކުރިޔަށް ގެންދާނީ އެމްޓީސީސީއިން އުމްރާނީ ތަރައްޤީއާއި އިމާރާތްކުރުމުގެ ދާއިރާގައި ހިންގާ މަޝްރޫޢުތަކަށް ބޭނުންވާ ފަންނުވެރިން ބިނާކުރުމެވެ. މިގޮތުން ހުނަވަރުގެ ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެމްޓީސީސީގެ މަޝްރޫޢުތަކުގައި ބޭނުންކުރާ ކަނޑާއި އެއްގަމުގައި ދުއްވާ އުޅަނދުފަހަރާއި މެޝިނަރީ އޮޕަރޭޓްކުރުމުގެ ޤާބިލްކަން ލިބިފައިވަ ހުނަރުވެރި މަސައްކަތްތެރިން ބިނާކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ހުނަވަރުގެ ފުރަތަމަ ފިޔަވަހި ހާއްސަކޮށްފައިވަނީ ފުވައްމުލަށް ސިޓީ އަދި އައްޑޫ ސިޓީއަށެވެ. މި ޕްރޮގްރާމްގެ ދަށުން
ތަމްރީން ދެވޭނީ އެމްޓީސީސީގެ މަޝްރޫޢުތަކުގައި ބޭނުންކުރާ ޓަގް، ބާޖު، ބަސް، ލޮރީ، ބުލްޑޯޒާ، އެކްސްކަވޭޓަރ، ކްރޭން، ލޮރީ، ރޯލާ، ޕޭވަރ، ލޯޑަރ އަދި ގްރޭޑަރު ފަދަ އުޅަނދުފަހަރާއި މެޝިނަރީ ދުއްވާ އޮޕަރޭޓްކުރުމަށެވެ.

މި ތަމްރީންގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން މި މަހުގެ 9 ވަނަ ދުވަހު ފުވަމުލަކުގައި އަދި ޖަނަވަރީ 11 ވަނަ ދުވަހު އައްޑޫގައި އޯޕަންޑޭއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއޯޕަންޑޭގެ ތެރެއިން ތަމްރީންގައި ބައިވެރިވާން އެދޭ ފަރާތްތަކަށް މިކަމަށް ޝައުޤުވެރިކަން ފާޅުކުރެވޭނެއެވެ. އެގޮތުން ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ބައިވެރިން ހޮވާ، އެމްޓީސީސީގެ ސައިޓްތަކުގައި 3
މަސް ވަންދެން ފަންނީ ތަމްރީން ދޭނެއެވެ. މިތަމްރީނަށް ހޮވޭ ބައިވެރިންނަށް ކޮންމެ މަހަކު 5000 ރުފިޔާ އެލަވަންސްގެ ގޮތުގައި ދިނުމަށް ވަނީ ނިންމާފައެވެ/

އަދި ތަމްރީން ފުރިހަމަ ކުރާ ފަރާތްތަކުން 1 އަހަރުގެ ބޮންޑެއްގެ ދަށުން އެމްޓީސީސީގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބޭނެއެވެ.

2018 ވަނަ އަހަރު އެމްޓީސީސީއިން އިފްތިތާހުކުރި ހުނަވަރު ޕްރޮގްރާމަކީ ވަޒީފާގެ މާހައުލަށް ބޭނުންވާ މުހިންމު ބައެއް ދާއިރާތަކުން މީހުން ހޯދުމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމުގެ މަޤްސަދުގައި އެމްޓީސީސީއިން ތަޢާރަފްކުރި ޕްރޮގްރާމެކެވެ.