Last Updated: April 19, 17:23
Friday, April 19, 2024
ވިޔަފާރި

އެސްޑީއެފްސީން ކުދި ވިޔަފާރިތަކަށް 346 މިލިއަން ރުފިޔާ ދޫކޮށްފި

ކޮވިޑް-19 އާއި ގުޅިގެން ކުދި ވިޔަފާރިތަކަށް އެހީވުމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް މިހާތަނަށް 346 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ 31 ވަނަ ދުވަހާއި ހަމައަށް ލޯނުގެ ގޮތުގައި 2053 ފަރާތަކަށް 346 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެެ. އޭގެ ތެރޭގައި ކުދި ވިޔަފާރިއާއި މެދު ފަންތީގެ 1414 ވިޔަފާރިއަކަށް ދޫކޮށްފައިވާ 326.9 މިލިއަން ރުފިޔާ އާއި އަމިއްލަ މަސައްކަތްކުރާ 639 ފަރާތަކަށް ދޫކުރި 19 މިލިއަން ރުފިޔާ ހިމެނެއެވެ.

ލޯން ދޫކުރުމަށް ހަމަޖެހިފައިވާ ވަކިވަކި ދާއިރާތަކަށް ބަލާލާއިރު، އެންމެ ގިނަ އަދަދަކަށް ލޯން ހަމަޖެހިފައިވަނީ މުދާ ވިއްކުމުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށެވެ. އެގޮތުން އެފަދަ 846 ވިޔަފާރިއަކަށް 201.1 މިލިއަން ރުފިޔާގެ ލޯން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮވިޑް-19އާ ގުޅިގެން ސަރުކާރުން އިއުލާންކޮށްފައިވާ 2.5 ބިލިއަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖުގެ ދަށުން އެސްޑީއެފްސީން ލޯނު ދޫކުރާނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ވިޔަފާރިތަކަށް އަހަރަކު 10 މިލިއަނުން ދަށުގެ އާމްދަނީގެ ވިޔަފާރިތަކަށެވެ.