Last Updated: April 18, 06:09
Thursday, April 18, 2024
ވިޔަފާރި

މިދިޔަ އަހަރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިންޑިއާ އިން

މިދިޔަ އަހަރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިންޑިއާ އިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ޓޮޕް ޓެން ޓޫރިސްޓް މާކެޓް ލިސްޓުގެ އެއްވަނައިގައި އިންޑިއާ އޮތްއިރު މިދިޔަ އަހަރު ޖުމްލަ، 62905 އިންޑިއާ ރައްޔިތުން ރާއްޖެއަށް ފަތުރުވެރިންގެ ގޮތުގައި ވަނީ އައިސްފައެވެ.

ދެވަނައިގައި ރަޝިޔާ އޮތްއިރު އެ ގައުމުން 61388 ރައްޔިތުން މިދިޔަ އަހަރު ފަތުރުވެރިންގެ ގޮތުގައި ރާއްޖެ އައިސްފައިވެއެވެ. ލިސްޓުގެ ތިންވަނައިގައި އޮތީ ޔޫކޭ އެވެ. އެގައުމުގެ 52716 ރައްޔިތުން ރާއްޖެއަށް މިދިޔަ އަހަރު ވަނީ ފަތުރުވެރިންގެ ގޮތުގައި އައިސްފައެވެ.

މިއަހަރުގެ މިހާތަނަށް ބަލާއިރު ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިޔާ އިންނެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް އެގައުމުން 3.226 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

މިއަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް އަމާޒު ހިފާފައިވާއިރު އަންނަ އަހަރުގެ އޮކްޓޫބަރުގައި ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރޭތީ އެކަމާ ގުޅޭ ހަރަކާތްތައް ވެސް މިހާރު ވަނީ ފަށާފައެވެ.

މިދިޔަ އަހަރު ނިމުނު އިރު ރާއްޖެއަށް 555213 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިިނިސްޓްރީން ބުނެއެވެ. އެގޮތުން ބޯޑަރު ހުޅުުވާލިފަހުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 172366 ފަތުރުވެރިންނެވެ.