Last Updated: April 25, 12:03
Thursday, April 25, 2024
ރިޕޯޓް

ސުރަންޖަން: ފްލައިން ސްކޫލްގައި ތިބި ދިވެހި ދަރިވަރުންނަށް ހުރި ނުރައްކަލެއް!

އައްޑޫ ސިޓީ ގަމުގައި ހިންގަމުން އަންނަ ފްލައިން ސްކޫލާއި ގުޅޭގޮތުން މިފަހަރު ދައްކަން މި އުޅެނީ ތަފާތު ވާހަކައެކެވެ. އެގޮތުން މިފަހަރު މި ލިޔަނީ ފްލައިން ސްކޫލްގެ ހެޑް އޮފް ޓްރޭނިން ކެޕްޓަން ސުރަންޖަން ޑި ސިލްވާ ދަރިވަރުންނާއި މެދު އަހަރުތަކެއް ވަންދެން ހިންގަމުން އައިސްފައިވާ ގޮތްކުޑަ އަމަލުތަކުގެ ވާހަކައެވެ. ސްރީލަންކާ އަށް ނިސްބަތްވާ ސުރަންޖަން އަކީ ހާއްސަކޮށް ދިވެހި ދަރިވަރުން އަމިއްލަ ގައުމުގައި ދެވަނަ ދަރަޖައިގެ ބަޔަކަށް ހަދައިގެން އަހަރުތަކެއް ވަންދެން ގެންގުޅުނު ބިރުވެރި، ނުރައްކާތެރި މީހެކެވެ. އޭނާގެ އަމަލުތަކާއި ބަސް މަގު ހުރީ އިންސާނުން އެހެން އިންސާނުންނާއި ދޭތެރޭ މުއާމަލާތްކޮށް އަމަލުކުރަން ވެސް ހެޔޮ ނުވާހާ ދަށު ދަރަޖައެއްގައެވެ.

2010 ވަނަ އަހަރު ގަމަށް ފްލައިން ސްކޫލް އައީސުރެން ފެށިގެން ފްލައިން ސްކޫލްގެ ހެޑް އޮފް ޓްރޭނިންގެ މަގާމުގައި ހުންނަނީ ސުރަންޖަން އެވެ. އޭނާގެ ޒިންމާ އަކީ ޓްރޭނިން އާއި ގުޅުންހުރި ހުރިހާ ކަމެއް ކުރުމާއެކު ސްކޫލް ހިންގުމެވެ. ސުރަންޖަން އަކީ އޭވިއޭޝަން ދާއިރާގައި ވެސް ތަޖުރިބާ ހުރި ފަރާތެއް ވެސް މެއެވެ.

ފެށުނީއްސުރެން ފެށިގެން ވެސް ސުރަންޖަންގެ އަމަލުތަކާއި ބަސް މަގު ދަރިވަރުންނާއި މެދު ގެންގުޅެފައިވަނީ ހުތުރުކޮށެވެ. އެގޮތުން މީޑިޔާ އާއި ހަމައަށް ފްލައިން ސްކޫލްގައި ހުރި މައްސަލަތައް ފެންމަތިވުމުގެ ކުރިން ސުރަންޖަން މުޅި ސްކޫލާއި ދަރިވަރުން ކޮންޓްރޯލް ކުރަމުން އައިސްފައިވަނީ ބިރު ދެއްކުމާއި އޮބި އަޅައިގެންނެވެ. މީގެކުރިން ވެސް ފްލައިން ސްކޫލާއި ގުޅޭ ހަބަރުތައް މީޑިޔާތަކުގައި ޖެހުމުން ސުރަންޖަން އަމިއްލަ އަށް މީޑިޔާތަކަށް ގުޅައި ސްކޫލާއި ބެހޭ މައުލޫމާތު ދިން ދަރިވަރުން ހޯދަން ވެސް މަސައްކަތް ކޮށްފައި އެބަހުއްޓެވެ. އަދި މީޑިޔާތަކަށް މައުލޫމާތު ދޭ ދަރިވަރުން ސްކޫލުން ވަކިކުރާނެ ކަމުގެ ބިރު ވެސް ސުރަންޖަން ދައްކާފައި އެބަހުއްޓެވެ.

ސުރަންޖަންގެ ބިރު ދެއްކުމުގައި ފްލައިން ސްކޫލްގެ ދަރިވަރުން އެތައް ދުވަސްތަކެއް މިވަނީ ހޭދަކޮށްފައެވެ. ހަމައެކަނި ބިރު ދެއްކުމެއް ވެސް ނޫނެވެ. ޖިސްމާނީ ގޮތުން ވެސް ދަރިވަރުންނަށް އަނިޔާތައް ވެސް ދީފައި އެބަހުއްޓެވެ. ނަސްލީ ގޮތުން ދަރިވަރުންނާއި ދިމާކުރުމާއި، ދަރިވަރުންނާއި ދިމާލަށް "އަވަގުރާނަ" ގޮވުމާއި، ކޯހުން ދަރިވަރުން ފެއިލްކޮށްލާނެ ކަމުގެ އިންޒާރު ވެސް ދީފައި އެބަހުއްޓެވެ. މިވަރުން އަދި ނިމުނީއެއް ނޫނެވެ. ސްކޫލްގެ މައްސަލަ މުއައްސަސާތަކަށް ހުށަހަޅާ ދަރިވަރުން ދަތިކޮށް، ސްކޫލުން އެ ދަރިވަރަކު އަމިއްލަ އަށް ބޭރުވާ ހާލަތަށް ވެސް ކަންކަން ސުރަންޖަން ގެންގޮސްފައި އެބަ ހުއްޓެވެ.

ފްލައިން ސްކޫލަކީ ދިވެހި ދަރިވަރުން މި ދާއިރާ އަށް ނެރެދިނުމުގެ މަގުސަދުގައި ހުޅުވި ތަނެކެވެ. ނަމަވެސް ދިވެހި ދަރިވަރުންނަށް ލުއި ގޮތްތަކެއް ހަދައިދިނުމެއް ވެސް ނެތެވެ. އޭގެ މިސާލެއްގެ ގޮތުން ފައިސާގެ ދަތިކަން ހުންނަ ދަރިވަރުންނަށް ދަތިކޮށް، މޮޑިއުލާ ޕްރޮގްރާމަށް ލުމާއި، (އިތުރަށް ފްލައި ކުރަންޖެހި، އަތުން ފައިސާ ހަރަދުވޭ) އެއްވެސް އިންޒާރަކާ ނުލައި ދަރިވަރުން ވަކިކުރުން ވެސް ހިމެނެއެވެ. އެގޮތުން މިފަހުން ވެސް މިފަދަ ގޮތަކަށް ދަރިވަރުންތަކެއް ވަނީ ވަކިކޮށްފައެވެ. ނަމަވެސް މުއައްސަސާތަކުގެ ޕްރެޝަރާއި ހުރެ އެ ދަރިވަރުން މިހާރު ވަނީ ސްކޫލަށް ވައްދާފައެވެ.

ސްކޫލްގައި ދަރިވަރުންނާއި މެދު ފިޔަވަޅު އެޅޭނެ އުސޫލުތަކެއް ނެތްއިރު، ސުރަންޖަން އަމިއްލަ އަށް އުސޫލުތައް ހަދައި ދަރިވަރުންނަށް ފިޔަވަޅު އެޅުމަކީ ވެސް އާންމު ކަމެކެވެ. އޭގެ އިތުރުން ހަސަދައިގެ ނަޒަރުން ބަލައި ދަރިވަރުންނާއި މެދު ތަފާތު ކުރުން ގެންގުޅެ ހަރުކަށިކަން އިސްކުރާ ކަމުގެ ޝަކުވާތައް ވެސް ދަރިވަރުން ކޮށްފައި އެބަހުއްޓެވެ. މީގެއިތުރުން ސިޔާސީ ނުފޫޒުގަދަ މީހުންނާއި ގުޅުން އޮންނަ ކަމަށް ބުނެ ދަރިވަރުން މުއައްސަސާތަކަށް މައްސަލަ ޖެއްސިޔަސް ބޭނުންހާ ގޮތެއް ނުހެދޭނެ ކަމުގެ އިންޒާރު ވެސް ސުރަންޖަން ދަރިވަރުންނަށް އެކި ފަހަރުމަތިން ވަނީ ދީފައެވެ.

މިއީ ސުރަންޖަން ދަރިވަރުންނަށް ކުރާ ބިރު ދެއްކުމާއި ގުޅޭ ވާހަކަތަކުގެ ކުޑަ މިންވަރެކެވެ. ދަރިވަރުން "އައްޑޫ ލައިވް" އާއި ހިއްސާކުރި މި މައުލޫމާތުތައް އެކި ފަހަރުމަތިން މުއައްސަސާތަކަށް ވެސް ހުށަހަޅާފައިވާއިރު އެ ކަމަށް އެ ފަރާތްތަކުން ބީރު ކަންފަތެއް ދީފައިވުމަކީ ދިވެހި ދަރިވަރުންނަށް ވާނެ އެއްޗެއް ވާން ދޫކޮށްލުން ނޫން ކޮން ކަމެއްތޯއެވެ؟ ސުރަންޖަން އާއި ގުޅޭގޮތުން ދަރިވަރުން ހިއްސާކުރީ ފިތްކަޑައިގެންދާހާ ހިތްދަތި ވާހަކަތެކެވެ. މިއީ ފޮނި އުއްމީދުތަކާއެކު ދަރިވަރުން ސްކޫލަށް ފޮނުވި ބެލެނިވެރިންގެ ކަންފަތަށް ކެތްވާނެ ވާހަކަތަކެއް ނޫނެވެ.

ދަރިވަރުން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު މިހާރު ސްކޫލްގައި ދަރިވަރުންނަށް ކިޔަވާނެ އެންމެ ރަނގަޅު މާހައުލެއް އޮތް ކަމަކަށް ނުފެނެއެވެ. ސްކޫލާއި ގުޅޭ މައްސަލަތައް މީޑިޔާތަކަށް ތިލަކުރުމުން ވެސް އެދެވޭ ހައްލެއް ނާންނަ ކޮންމެ ދުވަހަކީ ދަރިވަރުންނަށް ބިރު ދެއްކުމާއި، ހަރުކަށިކަން ދައްކަން ސުރަންޖަން ފަދަ ފަރާތްތަކަށް ލިބޭ އިތުރު ފުރުސަތެކެވެ. ދަރިވަރުން މިދިޔަ އަހަރުތަކުގައި މިފަދަ ވާހަކަތައް ހާމަނުކޮށް ތިބީ ބޮޑު ހަރަދުކޮށްފައި ހަދަން ފެށި ކޯހުން ވަކިކޮށް، ކުރިމަގަށް ދެކެމުން އައި ހުވަފެންތަކުގައި ކުލަ ނުޖެހިދާނެތީއެވެ. ސުރަންޖަން ދިވެހި ދަރިވަރުންނާއި މެދު ހިންގާފައިވާ އަމަލުތަކަކީ ނަސޭހަތަކުން ނިންމާލެވޭނެ ވަރުގެ ކުޑަ ކަންކަމެއް ނޫނެވެ. މިއީ ތަހުގީގުކޮށް ފިޔަވަޅު އަޅަންޖެހޭ ކަމަކަށްވާއިރު އުއްމީދަކީ ބަޔާނަކުން މިކަން ވެސް ނިންމާ ނުލުމެވެ.