Last Updated: April 26, 10:52
Friday, April 26, 2024
ކުޅިވަރު

ސައުތްހެމްޓަން އަތުން ލިވަޕޫލް ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސައުތްހެމްޓަން އަތުން 1-0 އިން ލިވަޕޫލް ބަލިވެއްޖެއެވެ.

މި ނަތީޖާއާއެކު ވެސް 17 މެޗު ކުޅެގެން ލިބުނު 33 ޕޮއިންޓާ އެކު ލީގުގެ އެއްވަނައިގައި އޮތީ ލިވަޕޫލް އެވެ. ދެވަނައިގައި 16 މެޗު ކުޅެގެން ހަމަ އެ އަދަދަށް ޕޮއިންޓު ހޯދައިގެން އޮތީ މެންޗެސްޓަރ ޔުނައިޓެޑެވެ. ލިވަޕޫލަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ރޭގެ މޮޅާއެކު 29 ޕޮއިންޓާއެކު ސައުތްހެމްޓަން މިހާރު ވަނީ ލީގުގެ ހަވަނަ އަށް އަރާފައެވެ.

ސައުތްހެމްޓަންގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ ދެވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ މީގެކުރިން ލިވަޕޫލަށް ވެސް ކުޅުނު އިނގިރޭސި ފޯވާޑް ޑެނީ އިންގްސް އެވެ. ލިވަޕޫލް އިން ނަތީޖާ އެއްވަރުކުރަން ގިނަ މަސައްކަތްތަކެއް ކުރިއިރު އެޓީމުން ދިޔައީ ފުލުފުލުގައި ސައުތްހެމްޓަންގެ ޑިފެންސްލައިނަށް ބާރުބޮޑު ކުރަމުންނެވެ.

ނަމަވެސް ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ސައުތްހެމްޓަންގެ ޑިފެންސްލައިނުން ލިވަޕޫލްގެ ހަމަލާތައް ދިފާއުކުރަމުންދިޔައިރު މުޅި މެޗުގައި ވެސް ލިވަޕޫލަށް ސައުތްހެމްޓަންގެ ގޯލާއި އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. އެއީ މެޗުގެ 75 ވަނަ މިނެޓްގައި މާނޭ ފޮނުވާލި ހަމަލާއެވެ.

މި މެޗުން ލިވަޕޫލް ބަލިވިއިރު އެންމެފަހުން ލީގުގައި ކުޅުނު ތިން މެޗުން ވެސް އެޓީމަށް މޮޅެއް ހޯދިފައެއް ނުވެއެވެ. އެގޮތުން ތިން މެޗުގެ ތެރެއިން އަނެއް ދެ މެޗުން ލިވަޕޫލް ވީ އެއްވަރެވެ.

ލީގުގައި ލިވަޕޫލް ދެން ބައްދަލުކުރާނީ މެންޗެސްޓަރ ޔުނައިޓެޑާއެވެ.