Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ފްލައިން ސްކޫލް މައްސަލަ: ދެ ވަޒީރަކު ކޮމިޓީ އަށް ހާޒިރުކުރަނީ

އައްޑޫ ސިޓީ ގަމުގައި ހިންގަމުން އަންނަ ފްލައިން ސްކޫލްގެ މައްސަލައިގައި ދެ ވަޒީރަކު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީއަށް މިއަދު ހާޒިރުކުރަން ނިންމައިފިއެވެ.

އެގޮތުން މިއަދު ހެނދުނު 11:30 ގައި އޮންނަ ކޮމިޓީ ބައްދަލުވުމަށް ހާޒިރުކުރަން ނިންމާފައިވަނީ ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ އިބްރާހީމް ހަސަން އާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ އިތުރުން އެ ދެ މިނިސްޓްރީގެ އެކި ފަންތީގެ ބޭފުޅުންނެވެ.

އަދި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ތިން ބޭފުޅުންވެސް ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މައްސަލައާ ގުޅިގެން ގައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީގެ މެމްބަރުން ދާދިފަހުން ވަނީ އައްޑޫ އަށް ވަޑައިގެން ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންނާއި، ސްކޫލްގެ އިސްވެރިންނާއި، ގަން އެއާޕޯޓު ހިންގާ ކުންފުނީގެ ބޭފުޅުންގެ އިތުރުން އައްޑޫ ސިޓީ ކައުންސިލާއި އަދި ސިވިލް އޭވިއޭޝަންގެ ބޭފުޅުންނާއި ވަނީ ބައްދަލުކުރައްވާފައެވެ.

ފްލައިން ސްކޫލްގައި ހުރި މައްސަލަތައް މީޑިއާ އިންނާއި ސޯޝަލް މީޑިއާގެ ޒަރިއްޔާ އިން ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައިވީ ނަމަވެސް އެ މައްސަލަތަކަށް އަދި މިހާތަނަށް އެއްވެސް ހައްލެއް އައިސްފައެއް ނުވެއެވެ. އެގޮތުން ދެ ބަޔާނެއް މެދުވެރިކޮށް އެންގުމުން ވެސް ދަރިވަރުންގެ އަތުން ޑޮލަރުން ފީ ނެގުން ހުއްޓުމަކަށް ވެސް އައިސްފައެއް ނުވެއެވެ.

އަދި ފްލައިން ސްކޫލްގައި ޗެކްރައިޑް އަޅަން މިވަގުތު ކިޔޫގައި 40 ދަރިވަރުން ތިބިއިރު އެކަން ކުރުމަށް ސްކޫލްގައި އޮތީ އެންމެ ބޯޓެކެވެ. ފްލައިން ސްކޫލްގައި ކޯސް ނުނިމި ހަތަރު، ފަސް ވަރަކަށް އަހަރުވެފައިވާ ދަރިވަރުން ވެސް އެބަ ތިއްބެވެ.