Last Updated: March 29, 10:52
Friday, March 29, 2024
ވިޔަފާރި

ޓޫރިޒަމް ދުވަހުގެ މައި ހަރަކާތްތައް އައްޑޫގައި ކުރިއަށް ގެންދަނީ

މިއަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މައި ހަރަކާތްތައް އައްޑޫ ސިޓީގައި ބޭއްވުމަށް ނިންމައިފިއެވެ.

ބްރިޓިޝް ލޯޔަލްޓީ ފައްތާލިތާ 75 އަހަރު ފުރޭ އަލިމަސް ޔޫބިލް ފާހަގަކުރުމަށް މިއަދު އައްޑޫގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ.އަބްދުﷲ މައުސޫމް ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހަކީ ވަރަށް ކުލަގަދަކޮށް ރާއްޖޭގައި ފާހަގަކުރާ ދުވަހެއް ކަމަށާއި ނަމަވެސް މިދިޔަ އަހަރު ކޮވިޑް-19 ގެ ސަބަބުން އެ ދުވަސް ފާހަގަކުރުން ދިޔައީ ފަނޑުކޮށް ކަމަށެވެ.

އަދި މިއަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް އައްޑޫގައި ކުރިއަށް ގެންދިޔުމަށް އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ދެއްވި ދައުވަތު ބަލައިގަންނަ ކަމަށާއި އެގޮތުން އެ ދުވަސް ފާހަގަކުރާއިރު މައި ހަރަކާތްތައް ކުރިއަށް ގެންދާނީ އައްޑޫގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހަކީ ސެޕްޓެމްބަރު 27 އެވެ.

"މި ކުޑަކުޑަ އިވެންޓަށް ތައްޔާރުވެ މި އިވެންޓު ބޮޑު އިވެންޓަކަށް ހަދާލުމުން ޔަގީންވެއްޖެ، ބޮޑު އިވެންޓެއް ތި ބޭފުޅުން ވަރަށް ބޮޑު ކޮށްލާނެކަން. އެހެންވީމަ އިރާދަކުރެވިއްޔާ މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަސް ވަރަށް ކުލަގަދަކޮށް ބޭއްވޭނެ" މައުސޫމް ވިދާޅުވިއެވެ.

އަދި މިވަގުތު ބަންދުކޮށްފައިވާ އައްޑޫގެ ދެ ރިސޯޓު ކަމަށްވާ ކެނަރީފް އަދި ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވުމުގެ މަސައްކަތާއި ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ބޯޓު ޖެއްސޭނެ އިންތިޒާމު ވެސް ހަމަޖައްސަމުންދާ ކަމަށާއި މިކަން ކާމިޔާބު ވާނީ މި ދެ ކަންތައް ވެސް އެކު އެކީގައި ކޮށްގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން 2022 ވަނަ އަހަރަކީ ފަތުރުވެރިކަމުގެ ރަން އަހަރު ކަމަށްވާއިރު، އެ އަހަރަށް މަރުހަބާ ކިޔާއިރު އައްޑޫ ސިޓީގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންމެންގެ މޫނަށް ހިނިތުވުންވުމުގެ ކުލަވަރު ގެނެސްދޭނެ ކަމަށްވެސް މައުސޫމް ވިދާޅުވިއެވެ. އެ ދެ ރިސޯޓު އަލުން ހުޅުވޭނެ ތާރީހެއް ދަންނަވަން ދަތި ނަމަވެސް މިއަހަރުތެރޭ އެ ދެތަން އަނބުރާ ވުޖޫދަށް ގެންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.