Last Updated: April 18, 22:36
Friday, April 19, 2024
ޚަބަރު

ފްލައިން ސްކޫލް: ދަރިވަރުންނަށް ފުރައްސާރަކުރާ މައްސަލަ ޖެންޑާ އަށް

މިނިސްޓަރު ނަހުލާ މަޖިލީހުގެ ކޮމިޓީގައި - ފޮޓޯ: މަޖިލިސް

އައްޑޫ ސިޓި ގަމުގައި ހިންގާ ފްލައިން ސްކޫލްގެ ބައެއް ފަރާތްތަކުން އެ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންނަށް ފުރައްސާރަ ކުރާ މައްސަލަ ޖެންޑަރ މިނިސްޓްރީ އަށް ހުށަހަޅައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ފްލައިން ސްކޫލްގެ މައްސަލައިގައި މިއަދު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ހާޒިރުވެ ވަޑައިގެން ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއެވެ.

އެގޮތުން ނަހުލާ ވިދާޅުވީ ފްލައިން ސްކޫލްގައި ހުރި މައްސަލަތައް ބަލަމުންދަނިކޮށް ސްކޫލްގައި ތިބޭ ބައެއް ފަރާތްތަކުން ދަރިވަރުންނަށް ތަފާތު ކުރުމުގެ މައްސަލަ އާއި ފުރައްސާރަ ކުރާ ކަމުގެ މައްސަލަތަކެއް ވެސް ފާހަގަވެފައިވާ ކަމަށެވެ.

އަދި ސިޓީއަކުން އެކަމާ ގުޅޭ ތަފްސީލުތައް ދާދިފަހުން ހުށަހަޅާފައިވާ ކަމަށާއި، އެ ސިޓީ ޖެންޑަރ މިނިސްޓްރީ އަށް މިހާރު ފޮނުވާފައިވާނެ ކަމަށް ނަހުލާ ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑު ވާނީ ޖެންޑާ މިނިސްޓްރީ އެ ސިޓީ ފޮނުވާފައި. ޖެންޑާ މިނިސްޓަރ އަށް އެކަން ބަލައިދެއްވުމަށް ވެސް އެދިފައި" ނަހުލާ ވިދާޅުވިއެވެ.

ގައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީގެ މެމްބަރުން ދާދިފަހުން ވަނީ އައްޑޫ އަށް ވަޑައިގެން ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންނާއި، ސްކޫލްގެ އިސްވެރިންނާއި، ގަން އެއާޕޯޓު ހިންގާ ކުންފުނީގެ ބޭފުޅުންގެ އިތުރުން އައްޑޫ ސިޓީ ކައުންސިލާއި އަދި ސިވިލް އޭވިއޭޝަންގެ ބޭފުޅުންނާއި ވަނީ ބައްދަލުކުރައްވާފައެވެ.

ފްލައިން ސްކޫލްގައި ހުރި މައްސަލަތައް މީޑިއާ އިންނާއި ސޯޝަލް މީޑިއާގެ ޒަރިއްޔާ އިން ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައިވީ ނަމަވެސް ގިނަ މައްސަލަތަކަށް އަދި މިހާތަނަށް އެއްވެސް ހައްލެއް އައިސްފައެއް ނުވެއެވެ. އެގޮތުން ދެ ބަޔާނެއް މެދުވެރިކޮށް އެންގުމުން ވެސް ދަރިވަރުންގެ އަތުން ޑޮލަރުން ފީ ނެގުން ހުއްޓުމަކަށް ވެސް އައިސްފައެއް ނުވެއެވެ.

އަދި ފްލައިން ސްކޫލްގައި ޗެކްރައިޑް އަޅަން މިވަގުތު ކިޔޫގައި 40 ދަރިވަރުން ތިބިއިރު އެކަން ކުރުމަށް ސްކޫލްގައި އޮތީ އެންމެ ބޯޓެކެވެ. ފްލައިން ސްކޫލްގައި ކޯސް ނުނިމި ހަތަރު، ފަސް ވަރަކަށް އަހަރުވެފައިވާ ދަރިވަރުން ވެސް އެބަ ތިއްބެވެ.