Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ފްލައިން ސްކޫލް ހިންގާ އޭއޭއޭ އޮތީ އައިސީޔޫގައި: ނަސީމް

ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް - ފޮޓޯ: މަޖިލިސް

އައްޑޫ ސިޓީ ގަމުގައި ފްލައިން ސްކޫލް ހިންގާ ސްރިލަންކާގެ އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އޮތީ އައިސީޔޫގައި ކަމަށް ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ވިދާޅުވެއްޖެއެވެ.

ފްލައިން ސްކޫލްގެ މައްސަލައިގައި ކަމާބެހޭ ފަރާތްތައް މިއަދު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީއަށް ހާޒިރުކުރި ބައްދަލުވުމުގައި ނަސީމް ވިދާޅުވީ ކުރީގެ ސަރުކާރު ބަދަލުކޮށް ގޯސް ކަންކަން ހުރުމުން އުއްމީދުތަކާ އެކުގައި ކަމަށާއި އެހެންކަމުން ފްލައިން ސްކޫލްގެ މައްސަލައަކީ މީގެކުރީގައި ވެސް އޮތް މައްސަލައެއް ކަމަށް ބުނެ ފަރުޖައްސާލުމަކީ އަމިއްލަ އަށް ސޯޓު ބޭލުން ކަމަށެވެ.

ފްލައިން ސްކޫލްގެ މައްސަލައިގައި ކޮމިޓީ މެމްބަރުންނާއެކު އައްޑޫ އަށް ވަޑައިގެން ކަމާބެހޭ ފަރާތްތަކާ ބައްދަލުކުރި ކަމަށާއި ނަމަވެސް އޭއޭއޭގެ ވާހަކަތައް ހުރީ ކަމެއް އަވަހަށް ހައްލުވާ ގޮތަކަށް ނޫން ކަމަށް ނަސީމް ވިދާޅުވިއެވެ. އެގޮތުން ފުރަތަމަ ދެ އަހަރު ގެއްލުމުގައި ދިޔަ ވާހަކަ އާއި ކޮވިޑްގެ އުޒުރު އެމީހުން ދައްކަމުންދާ ކަމަށާއި ނަމަވެސް މިކަމުގައި އެއްވެސް މީހަކަށް އުޒުރު ދެއްކެން ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި ރައްޔިތުންގެ ޓެކްސް ފައިސާ އިން މުސާރަ ނަގައިގެން ތިބޭއިރު މިފަދަ ކަންކަން ހައްލު ނުވާނަމަ ލަދުގަންނަންޖެހޭ ކަމަށްވެސް ނަސީމް ވިދާޅުވިއެވެ.

"އަޅުގަނޑަށް އޭއޭއޭ ސިފަވަނީ އައިސީޔޫގައި އޮތްތަން. ޑޮކްޓަރު ވިދާޅުވަނީ އުއްމީދެއް ނެތޭ. އަޅުގަނޑުމެން މި ދަންނަވަނީ ނޫނެކޭ އެއްގޮތަކަށް ވެސް ވެންޓިލޭޓަރުން ކަނޑާނުލާށޭ، ކަނޑާލައިފިނަމަ ފުރާނަ ދޭ. އެކަމަކު ޑޮކްޓަރު އެބަ ވިދާޅުވޭ އުއްމީދެއް ނެތޭ. ކިތަންމެ ގިނަ އިރަކު ވެންޓިލޭޓަރުގައި ބެހެއްޓިޔަސް. މިކަހަލަ ގޮތަކަށް އޮތް ކަމެއް މިކަމަކީ" ނަސީމް ވިދާޅުވިއެވެ.

މާޒީގައި ހިނގާފައިވާ ކަންކަމާއި މެދު ވާހަކަ ދައްކައި ވަގުތު ބޭކާރު ކުރުމުގެ ބަދަލުގައި މިކަމުގައި ހައްލެއް ހޯދުން މާ މުހިއްމު ކަމަށްވެސް ނަސީމް ވިދާޅުވިއެވެ.