Last Updated: April 20, 09:23
Saturday, April 20, 2024
ވިޔަފާރި

އައިލެންޑް އޭވިއޭޝަންގެ އެމްޑީއަކަށް މިހާދު

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު މިހާދު އައްޔަން ކުރަން ނިންމައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ހުށަހަޅައިފި އެވެ.

އެ މަގާމަށް ރަސްމީކޮށް މިހާދު އައްޔަން ކުރާނީ ޕީސީބީ އިންނެވެ.

މިހާދު މިހާތަނަށް ހުންނެވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް) ގެ ބޯޑު މެމްބަރެއްގެ ގޮތުގައެވެ. މީގެ ކުރިން މިހާދު ވަނީ މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމާއި ސީއީއޯކަން ވެސް ކުރައްވާފައެވެ.

މީގެއިތުރުން ރައީސް އޮފީހުން ވަނީ އައިލެންޑް އޭވިއޭޝަންގެ އެމްޑީގެ މަގާމުގައި މިހާރު ހުންނެވި މުހައްމަދު ރިޒްވީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ އެމްޑީގެ މަގާމަށް ބަދަލުކުރަން ވެސް ޕީސީބީ އަށް ހުށަހަޅާފައެވެ.

"ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އުފެއްދެވީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ.

މި ކުންފުންޏަކީ ސަރުކާރުން ހިންގަމުން ގެންދާ ސަރަޙައްދީ އެއަރޕޯޓްތައް ވިޔަފާރީގެ އުޞޫލުން ހިންގުމަށް އުފެއްދި ކުންފުންޏެކެވެ.

އަދި މިއީ ސަރުކާރުން ރީޖަނަލް އެއަރޕޯޓްސް މެދުވެރިކޮށް ހިންގަމުން ގެންދަވާ ވައިގެ ބަނދަރުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް ހިންގުމަށްޓަކައި އުފެއްދެވި ކުންފުންޏެއް ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.