Last Updated: April 19, 17:23
Friday, April 19, 2024
ޚަބަރު

ހެރެތެރެ އަދި ޝަންގްރިއްލާގެ މުވައްޒަފުންނަށް އުއްމީދެއް ނެތް!

ކޮވިޑު-19ގެ ސަބަބުން ހުއްޓުނު ރާއްޖޭގެ ފަތުރުވެރިކަން އަލުން މިވަނީ ފެށިފައެވެ. ކޮންމެ ދުވަހަކު އެތައް ޓޫރިސްޓުންނެއް މިހާރު ރާއްޖެއަށް އަންނަމުންދާއިރު އައްޑޫގެ ފަތުރުވެރިކަން މިވަނީ މީގެ 30 އަހަރު ކުރީގެ ގޮތަށް ބަދަލުވެފައެވެ.

ކޮވިޑުގެ ބިޔަ ރާޅާއި އެކު ބަންދުކުރި ރިސޯޓުތަކުގެ ތެރޭގައި އައްޑޫ ވިލިގިލީގައި ހިންގާ ޝަންގްރިއްލާ ރިސޯޓާއި، ހެރެތެރެ ރިސޯޓު ހިމެނެއެވެ. މި ދެ ރިސޯޓުން ވަކި ކުރި އައްޑޫގެ މުވައްޒަފުންގެ އަދަދު 500 އަށް ވުރެ މަތިއެވެ. ރިސޯޓު ބަންދު ކުރުމުގެ ގެއްލުމުގެ އަސަރު މިވަނީ މުޅި އައްޑޫ ރައްޔިތުންނަށް ކޮށްފައެވެ.

ޝަންގްރިއްލާ އާއި ހެރެތެރެ ބަންދުކޮށްފައިވާ އިރު އައްޑޫގެ ހުރިހާ ރައްޔިތުންވެސް މިއަދު އިންތިޒާރު ކުރަމުންދަނީ މި ދެ ރިސޯޓު ހުޅުވި އަލުން މި ދެތަނުގައި ވަޒީފާ އަދާކުރަމުން ދިޔަ މުވައްޒަފުންގެ ވަޒީފާ އިޔާދަވެވޭނެ ދުވަހަށެވެ. އެގޮތުން މިދިޔަ ހޯމަ ދުވަހު ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް އައްޑޫއަށް ވަޑައިގަތުމަކީ މިދެންނެވި ފަރާތްތަކަށް ހިތް ހަމަޖެހުމެއް ލިބިގެން ދިޔަ ކަމަށެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސިން ގަމުގައި ތިބި އިރު އެމީހުންގެ ތެޔޮ ޓޭންކަރަކަށް ބޭނުންކުރި "ބްރިޓިޝް ލޯޔަލްޓީ" ބޯޓު އައްޑޫގެ އެތެރެެވަރިއަށް ފައްތާލި ހާދިސާ އަށް 75 އަހަރު ފުރުން ފާހަކަގަކޮށް އެތަނަކީ ފަތުރުވެރިންގެ މެދުގައި މަގްބޫލް ޑައިވިން ތަނަކަށް ހެދުމަށް މިހާރަށްވުރެ ބޮޑަށް އިޝްތިހާރު ކުރުމަށް ބޭއްވި އިވެންޓަށް ޑރ. މައުސޫމް ވަޑައިގަތުމުން އެތައް ބަޔަކު މިނިސްޓަރގެ ވާހަކަފުޅުތަކަށް އިންތިޒާރު ކުރިއެވެ.

ފަތުރުވެރިކަން ހުއްޓިފައިއޮތް އައްޑޫއަށް އަހަރުގެ ކުރީކޮޅު ވަަޑައިގެން ދެއްވާނެ އުއްމީދީ ވާހަކަތަކަށް ކަނުލާ އަޑުއަހަން އެތައް ބަޔަކު ތިބި އިރު މިނިސްޓަރގެ ވާހަކަފުޅުން މާ ބޮޑު އުއްމީދެއް ލިބިގެން ގޮސްފައި ނުވެއެވެ.

ޝަންގްރިއްލާ އާއި ހެރެތެރެގެ ވާހަކައަށް އަލިއަޅުވައި މިއަހަރު ތެރޭގައި އެދެތަން ހުޅުވިގެންދާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ތާރީހެއް ނުދެއްވިއެވެ. މިނިސްޓަރ ވިދާޅުވީ އެ ދެ ރިސޯޓު ހުޅުވޭނެ ތާރީހެއް ދަންނަވަން ދަތިކަމަށެވެ.

"މިއަތޮޅުގައި ހުޅުވުނު ދެ ރިސޯޓު މިހާރު ބަންދުކުރެވިފައި އޮތަތީވެ، އަޅުގަނޑުމެން މިދަނީ އެތަންތަން ހުޅުވުމަށް މަސައްކަތް ކުރަމުން، އެތަން ހުޅުވުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގައި ހަމައެއާއި އެކު ގެން އިންޓަނޭޝަން އެއާޕޯޓަށް ބޯޓު ޖެއްސޭނެ އިންތިޒާމްވެސް ހަމަޖައްސަން މަސައްކަތް އަޅުގަނޑުމެން މިދަނީ ކުރަމުން، މި ދެކަންތަކަކީ ތިޔާއިގެން ދެމެހެއްޓެނިވި ގޮތަކަށް މިކަން ކުރިއަށް ގެންދެވޭނީ، އިރާދަފުޅާއި އެކު އެކަން އަޅުގަނޑުމެން ކުރިއަށް ގެންދާނަން، އިރާދަފުޅު ކުރެއްވިއްޔާ ޓޫރިޒަމްގެ ރަންއަހަރަށް އަޅުގަނޑުމެން މަރުހަބާ ކިޔާއިރު އައްޑޫ ސިޓީގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިާ ބޭފުޅުންގެ މޫނަށް ހިނިތުންވުމުގެ ކުލަވަރު އަޅުގަނޑުމެން ގެނެސްދޭނަން" މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

ރާއްޖޭގެ ޓޫރިޒަމް އަލުން ހުޅުވާލުމަށް ސަރުކާރުން މިދިޔަ އަހަރު މަޝްވަރާ ކުރެވުނު އިރު އެންމެ ބޮޑަށް ވާހަކަތައް ދެކެވުނީ މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ ދެކޮޅަށް ޓޫރިސްޓުން ގެނެސް ޓޫރިޒަމް ހުޅުވާލުމަށެވެ. އެގޮތުން ގަން އިންޓަނޭޝަނަލް އެއާޕޯޓު ބޭނުންކޮށް އައްޑޫ އާއި ހުވަދޫ ގުޅުވާލުމަށް ވާހަކަ ދެކެވި، މޯލްޑިވިއަން އާއި އެކު ސީޕްލޭން ދަތުރު ފެށުމަށް އެއްބަސްވުމެއްގައި ސޮއި ކުރެވުނެވެ. އަދި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ފަހު ކޮޅު ދަތުރުތައް ފެށޭނެ ކަމަށް ސަރުކާރުން އިއްލާން ކުރިއެވެ.

ހެރެތެރެ އަދި ޝަންގްރިއްލާ ބަންދު ކުރަން ޖެހުނު މައިގަނޑު ސަބަބަކީވެސް މި ދެ ރިސޯޓަށް ފަތުރުވެރިން ގެނައުމުގެ ހަރަދު ބޮޑުވުމެވެ. އަދި މިކަމުގައި ފަތުރުވެރިން އުފުލަން ޖެހޭ ތަކުލީފު ބޮޑުކަމެވެ. އެކަމަށް އޮތް ހައްލަކީ ގަމުގެ އެއާޕޯޓަށް އިންޓަނޭޝަނަލް ބޯޓުތައް ޖެއްސުމެވެ.

މިނިސްޓަރ ޑރ. މައުސޫމްގެ ވާހަކަފުޅުގައިވެސް މިކަންތައް ވަނީ ފާހަގަ ކުރައްވާފައެވެ. އެއާޕޯޓު ހިންގޭނީ ރިސޯޓުތައް ހުޅުވި އެނދުތައް އިތުރުވެގެންނެވެ. އަދި އައްޑޫގެ ރިސޯޓުތައް ހިންގެން އޮތީ ގަމަށް ބައިނަލް އަގުވާމީ ޝެޑިއުލް ދަތުރުތައް ފެށިގެންނެވެ. ނަމަވެސް މި ސަރުކާރަށާް ދެ އަހަރުވެގެން ދިޔަ އިރު ލިބުނު ކުރިއެރުމެއް ނެތެވެ.

ޝަންގްރިއްލާ އަދި ހެރެތެރޭގެ މުވައްޒަފުންނަށް އެނބުރި އަލުން ވަޒީފާއެއް ދެވޭނެ ދުވަހެއް ޓޫރިޒަމް މިނިސްޓަރއަކަށް ވެސް ބުނެ ނުދެވުނެއެވެ. އެހެންވެ އަދިވެސް މިތަނުގެ މުވައްޒަފުންނާއި އާއިލާތަކަށް އޮތީ ނާއުއްމީދީ ދުވަސްތަކެކެވެ. ފަތުރުވެރިކަމުގެ މަންފާއެއް މި ސިޓީގެ ރައްޔިތަކަށް ނެތެވެ.