Last Updated: April 16, 11:51
Tuesday, April 16, 2024
ދުނިޔެ

ކެޕިޓޮލް ސަލާމަތްކުރުމުގައި ހަތަރު މީހަކު މަރުވެއްޖެ

ޓްރަމްޕް ސަޕޯޓަރުން ކެޕިޓޮލް ބިލްޑިންގ އަށް ވަދެގަތުން. ސަޕޯޓަރަކު ހައުސް ސްޕީކާ ޕެލޮސީގެ ގޮނޑިކޮޅުގައި: ފޮޓޯ - ގެޓީ އިމޭޖެސް

އެމެރިކާގެ ކޮންގްރެސް އިމާރާތް ކަމަށްވާ ކެޕިޓޮލް ބިލްޑިންގ އަށް ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަޕޯޓަރުން ގަދަ ބާރުން ވަދެގަނެ، ހަމަނުޖެހުން ހިންގުމާ ގުޅިގެން ސަލާމަތީ ބާރުތަކާ މުޒާހަރާގެ ބައިވެރިންނާ ދެމެދު ހިނގި ކުރިމަތިލުމުގައި ހަތަރު މީހަކު މަރުވެއްޖެއެވެ.

އެމެރިކާގެ ނޫސް އިދާރާތަކުން ރިޕޯޓުކުރާ ގޮތުގައި މިހާރު، ކޮންގްރެސް އިމާރާތް ސަޕޯޓަރުންގެ އަތް ދަށުން ސަލާމަތް ކުރެވިފައިވާ ކަމަށާއި ނަމަވެސް ސަޕޯޓަރުންނާއި ފުލުހުންނަށް ވެސް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި އަންހެނަކާއި އިތުރު ތިން ފިރިހެނުން މަރުވެފައިވާ ކަމަށާއި ފުލުހުންގެ ތެރެއިން ބަޔަކަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބި ފަރުވާ ދެމުން އަންނަ ކަމަށެވެ.

ކޮންގްރެސް ތެރެއަށް މުޒާހަރާގެ ބައިވެރިން ވެދެގަނެފައިވަނީ ރިޔާސީ އިންތިޚާބު ކާމިޔާބުކުރި ޖޯ ބައިޑެންގެ އިންތިޚާބުގެ ރަސްމީ ނަތީޖާ ސެނެޓުން އިއުލާން ކޮށް، ބައިޑެން އިންތިޚާބު ކާމިޔާބުކުރިކަން ރަސްމީކޮށް އިއުލާން ކުރުމަށް ބޭއްވި ޖަލްސާ ކުރިއަށް ދަނިކޮށެވެ.

އިމާރާތަށް ސަޕޯޓަރުން ވަނުމާ ގުޅިގެން ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި ނައިބު ރައީސް ޕެންސް ވަނީ ސަލާމަތީ ބަންކަރަށް ވައްދާފައެވެ.

ކޮންގްރެސް އިމާރާތުގެ ކޮންޓްރޯލް ނެގުމަށް ސިފައިންގެ އެހީތެރިކަމަށް އެދެން ރައީސް ޓްރަމްޕް ދެކޮޅު ހެއްދެވުމުން އެކަން ކުރެއްވީ ނައިބު ރައީސް ޕެންސް ކަމަށް ވެސް "ސީއެންއެން" އިން ރިޕޯޓުކޮށްފައިވެއެވެ.

ޓްރަމްޕް ވަނީ، މިއަދު ހެނދުނު ސަޕޯޓަރުންނަށް ވީޑިއޯ މެދުވެރިކޮށް މެސެޖެއް ފޮނުވާފައެވެ. އެ ވީޑިއޯ މެސެޖުގައި އޭނާ ވަނީ އިންތިޚާބު ވަގަށް ނަގާފައިވާ ކަމަށް ކުރާ ތުހުމަތުތައް ތަކުރާރުކުރުމަށް ފަހުގައި، ސަޕޯޓަރުން ގެއަށް ދިއުމަށް އެދިވަޑައިގެންފައެވެ.

ހަތިޔާރާއެކު ކޮންގްރެސް އިމާރާތަށް ވަދެގަތުގެ ޒިންމާ ނަންގަވަން ޖެހޭނީ ރައީސް ޓްރަމްޕް ކަމަށް އެމެރިކާގެ ސިޔާސީ ފަރާތްތަކުން ވަނީ ބުނެފައެވެ. ސަބަބަކީ އެކަން ކުރުމުގެ ކުރިން ޓްރަމްޕް ސަޕޯޓަރުންނަށް "ބަލިކަށި ކަމާއެކު ގައުމު އަނބުރާ ނުލިބޭނެ" ކަމަށް ވިދާޅުވި ކަމަށް ނިއުޔޯކް ޓައިމްސް އިން ރިޕޯޓުކޮށްފައިވެއެވެ.

އެގައުމުގެ އިންތިޚާބީ ރައީސް ޖޯ ބައިޑެން ވިދާޅުވީ، މިއީ އެމެރިކާގެ ތާރީޚުގައި ކަޅު އަކުރުން ލިޔެވޭނެ ސޮފުހާ އެއް ކަމަށެވެ. ނަމަވެސް މިއީ ހަގީގީ އެމެރިކާއެއް ނޫން ކަމަށާއި ފެނިގެން ދިޔައީ ގިނަ ރައްޔިތުންގެ ފިކުރު ނޫން ކަމަށް ވިދާޅުވެފައެވެ.