Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ވޭމަންޑޫ ނަރުދަމާގެ މަސަކަތްތައް އެމްޑަބްލިއުއެސްސީ އިން ފަށައިފި

ތ.ވޭމަންޑޫ ނަރުދަމާ ނިޒާމުގެ ނުނިމިހުރި ބާކީ މަސަކަތްތައް އެމްޑަބްލިއުއެސްސީއިން ފަށައިފިއެވެ.

މި މަޝްރޫޢުގެ ނުނިމިހުރި މަސައްކަތްތައް ނިންމުމަށް ސަރުކާރުން އެމްޑަބްލިއުއެސްސީއާއި ހަވާލުކުރީ ހުސްވި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުއެވެ. މި މަސައްކަތް މީގެ ކުރިން ކުރިން ކުރިއަށް ގެންގޮސްފައިވަނީ އެހެން ކުންފުންޏަކާއި ހަވާލުކޮށްގެންނެެވެ.

މި މަޝްރޫޢުގެ ދަށުން ކުރާ މަސައްކަތްތަކުގެ ތެރޭގައި، ނަރުދަމާގެ މައި ނެޓްވޯކުގައި ނުނިމިހުރި 319 މީޓަރުގެ ނެޓްވޯކް ޤާއިމްކުރުމާއި، 98 މީޓަރުގެ ޕަންޕިންގ ލައިން އެޅުމާއި، ޕަމްޕު ސްޓޭޝަންގެ އިލެކްޓްރޯ މެކޭނިކަލް މަސައްކަތް ހިމެނެއެވެ. އޭގެ އިތުރުން ސީ އައުޓް ފޯލް ޤާއިމުކުރުމާއި، ވޭލް ޗެމްބާ ބެހެއްޓުމުގެ މަސައްކަތާއި، އެސްޓީޕީ ބިލްޑިންގ ގެ ނުނިމިހުރި މަސައްކަތްތަކާއި، އެސްޓީޕީގެ ސިވިލް އަދި މެކޭނިކަލް މަސައްކަތް ވެސް ހިމެނެއެވެ.

އަދި އިތުރުން ގޭބީސީތަކުގައި ޖަންކްޝަން ބަހައްޓައި ނަރުދަމާ ކަނެކްޝަން ގުޅައިދިނުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް އެމް.ޑަބްލިއު.އެސް.ސީ އިން ވަނީ ހާމަކޮށްފައެވެ.

ރަށް ރަށުގައި ކުރިއަށް ގެންދާ މިފަދަ މަޝްރޫއުތައް އާއްމުކޮށް ކުރިއަށް ގެންދަނީ ސަރުކާރުގެ ކުންފުނިތަކުގެ ދަށުންނެވެ.