Last Updated: April 20, 14:10
Saturday, April 20, 2024
ޚަބަރު

ހިތްދަތިކަމާއި ކުރިމަތި މިވީ އަދީބުގެ ސަބަބުން: ޔާމީން

ރައީސް ޔާމީން އާއި އަހްމަދު އަދީބް.

މިއަދު ކުރިމަތިލާން ޖެހިފައިވާ ހިތްދަތިކަން ކުރިމަތިވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސަބަބުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޔާމީން މިހެން ވިދާޅުވިކަން ހާމަކުރެއްވީ އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދެވެ.

މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖަމީލު ވިދާޅުވީ 2013 ވަނަ އަހަރު ޔާމީން ވެރިކަމަށް ވަޑައިގެންނެވީ ގާބިލުކަމުން ކަމަށާއި އެގޮތުން ވެރިކަމަށް ވަޑައިގެން ތަރައްގީގެ އެކި މަޝްރޫއުތައް ހިންގެވި ކަމަށެވެ. ނަމަވެސް އެ ކަންކަން ނިމުމަށްފަހު މިއަދު ތަހައްމަލު ކުރަން ޖެހިފައިވާ ހިތްދަތިކަން ވަރަށް އަސަރާއެކު މިއަދުގެ ޝަރީއަތަށްފަހު ވެސް ޔާމީން ކިޔައިދެއްވި ކަމަށް ޖަމީލު ވިދާޅުވިއެވެ.

"ހަގީގަތުގައި ކީއްވެތޯއޭ މިހާ އަނިޔާވެރިމިވީ ތިމަންނާގެ މައްޗަށް؟ އެމަނިކުފާނު ވިދާޅުވީ އަޅުގަނޑުމެން އެންމެން (ވަކީލުން) ވެސް ތިބިން. މިކަން ތިމަންނަ އަށް ކުރިމަތި މިވީ މި އަދީބުގެ ސަބަބުންނޭ. އަދީބުގެ ފަހަތަށް، އަދީބުގެ ހެއްލުންތެރި ކަމަށް ހަމަ ވަރަށް ގިނަ ބަޔަކު ގޮސްގެން އެ ކަންތައްތަކޭ" ޖަމީލު ވިދާޅުވިއެވެ.

އަދި މިއަދު ވެސް ޕީޕީއެމް އާއި ޕީއެންސީ އަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އަދީބު ކަމަށާއި އެގޮތުން އަދީބު ދޫކޮށްފައި އަމީން އެވެނިއުގައި ބަހައްޓާފައި ހުންނެވީ ސީދާ ޕީޕީއެމް/ޕީއެންސީ ހަލާކުކޮށްލުމަށްޓަކައި ކަމަށް ޔާމީން ހާމަކުރެއްވި ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ. އެގޮތުން އެއީ އެމަނިކުފާނަށް ވަރަށް އަސަރު ކުރައްވާ ކަމެއް ކަމަށްވެސް ޔާމީންއާ ހަވާލާދީ ޖަމީލު ވިދާޅުވިއެވެ.

ޔާމީނަށް އިންސާފު ހޯދައިދިނުމަށް ކުރެވޭ މަސައްކަތަކީ ފަސޭހަ މަސައްކަތެއް ނޫން ކަމަށާއި އެެކަން އެގޮތަށް އޮތްއިރު މި މަސައްކަތުގެ އަގުވައްޓާލުމަށާއި ތަފާތު އެކި ގޮތްގޮތަށް ގޯނާކުރުމުގެ މަސައްކަތް ޕީޕީއެމް/ޕީއެންސީގެ އެކި ހިސާބުތަކަށް ފޭއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.

އަދި މިވަގުތު ޔާމީންގެ އެންމެ ބޮޑު އެދިވަޑައިގަތުމަކީ އެމަނިކުފާނަށް އިންސާފު ހޯދައިދިނުމުގެ މަސައްކަތް ކުރެވެމުންދާއިރު ޕާޓީގެ ތެރޭގައި ބަދަހިކަން އޮތުން ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ. އަދި އިންސާފުވެރި ޝަރީއަތެއްގެ ކުރިމަތީގައި ޔާމީން މިނިވަން ކުރެވޭނެ ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.