Last Updated: April 18, 21:14
Thursday, April 18, 2024
ދުނިޔެ

ޓްރަމްޕްގެ ފޭސްބުކް އެކައުންޓް ދެ ހަފްތާ އަށް ސަސްޕެންޑްކޮށްފި

ހަމަނުޖެހުމަށް ހިތްވަރު ދޭތީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފޭސްބުކް އެކައުންޓް ދެ ހަފްތާ އަށް ސަސްޕެންޑް ކުރަން ނިންމައިފިއެވެ.

ފޭސްބުކް އިން މިފަދަ ނިންމުމެއް ނިންމާފައިވަނީ ރޭގެ ވަގުތެއްގައި ޓްރަމްޕްގެ ސަޕޯޓަރުންތަކެއް އެމެރިކާގެ ކޮންގްރެސް ހިސޯރުކޮށް އެތަނަށް ގެއްލުންތަކެއް ދީފައިވަނިކޮށެވެ. ޓްރަމްޕްގެ ސަޕޯޓަރުން ކޮންގްރެސް އަށް ވަދެގެންފައިވަނީ ޖޯ ބައިޑަން އިންތިޚާބު ކާމިޔާބުކުރެއްވުން ކޮންގްރެސް އިން ރަސްމީކޮށް ބަލައިގަތުން ކުރިއަށްދަނިކޮށެވެ. ޓްރަމްޕް ގެންދަވަނީ އިންތިހާބުގެ ނަތީޖާ ގަބޫލުކުރައްވަން ތަކުރާރުކޮށް ދެކޮޅު ހައްދަވަމުންނެވެ.

އިންތިހާބުގެ ނަތީޖާ ކޮންގްރެސް އިން ބަލައިގަތުމާ ދެކޮޅަށް އިއްޔެ ބޭއްވި އެއްވުމަށް ޓްރަމްޕް ހިތްވަރު ދެއްވިއިރު
ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގް މިރޭ ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ޓްރަމްޕް ކުރެއްވި ބައެއް ޕޯސްޓުތައް ލޭބަލްކޮށްގެން ނަމަވެސް ހެދިފައިވާ ގަވާއިދުތަކުގެ ތެރެއިން ފޭސްބުކް ބޭނުން ކުރުމުގެ ހުއްދަ އޭނާ އަށް ދެއްވި ކަމަށާއި ނަމަވެސް ހާލަތު މިހާރު ބަދަލުވެފައިވާ ކަމަށެވެ.

އެގޮތުން އިންތިހާބުވެފައިވާ ފަރާތްތަކާ ދެކޮޅަށް ފޭސްބުކްގެ ޕްލެޓްފޯމް މެދުވެރިކޮށް ހަމަނުޖެހުމަށް މަގުފަހިވާ ކަންކަން ކުރަމުންދާ ކަމަށާއި އެހެންކަމުން މިވަގުތު ޓްރަމްޕަށް ފޭސްބުކް ބޭނުން ކުރުމުގެ ހުއްދަ ދިނުމަކީ ބޮޑު ރިސްކެއް އެކުލެވިގެންވާ ކަމެއް ކަމަށެވެ. އެހެންކަމުން ސުލްހަވެރިކަމާއެކު ވެރިކަމުގެ ބާރުތައް ބަދަލު ކުރެވެންދެން ދެ ހަފްތާގެ މުއްދަތަށް ޓްރަމްޕްގެ ފޭސްބުކް އެކައުންޓް ސަސްޕެންޑް ކުރަން ނިންމާފައިވާ ކަމަށް ޒަކަބާކް ވިދާޅުވިއެވެ.

ވެރިކަމުގެ ބާރުތައް ބަދަލުކޮށް އެމެރިކާގެ 46 ވަނަ ރައީސްކަމުގެ މަގާމާއި ބައިޑެން ރަސްމީކޮށް ހަވާލުވެ ވަޑައިގަންނަވާނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.