Last Updated: April 25, 10:40
Thursday, April 25, 2024
ރިޕޯޓް

ގެދޮރުވެރިކަމަށް ބިން ދޫކުރުން ހުއްޓާލަން ޖެހޭ!

އައްޑޫ ސިޓީ ހިތަދޫ | ފޮޓޯ: އަލީ އިބްރާހިމް

ގެދޮރުވެރިކަމަށް ބަންޑާރަ ބިން ދިނުމަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އާންމު ވެފައިވާ ކަމެކެވެ. ނަމަވެސް މިހާރު ޤަބޫލުކުރަން ޖެހޭ ހަޤީގަތަކީ ރާއްޖޭގެ އާބާދީގެ ނިސްބަތުން ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަމަށް ބިން ދެވެން ނެތް ކަމެވެ. ރާއްޖެ އުފެދިފައިވާ ގޮތުން، އަޅުގަނޑުމެންގެ ޤައުމުގެ ބޮޑު އިންސައްތައަކީ ކަނޑަށް ވީއިރު ބިމުގެ ގޮތުގައި ވަނީ ދުނިޔޭގެ ނިސްބަތުން ބެލިނަމަވެސް ކުޑަ ރަށްތަކެއްކަން ހުރިހާ އެންމެންވެސް ޤަބޫލުކުރަން ޖެހެއެވެ.

މިހެން މިކަން އޮތްއިރު މިހާރުވެސް އެންމެ ބާރަށް ސިޔާސީ ޕޯޑިއަމްތަކުގައި ދެކެވޭ އެއް ވާހަކައަކީ ގެދޮރުވެރިކަމަށް ބިން ދިނުމަށް ވަމުންގެންދާ ވައުދު ތަކެވެ. ސިޔާސީ ގޮތުން ވަކި މަންފާއެއް ހޯދުމަށް ރައްޔިތުންނަށް ބޭނުން ޖެހިފައިވާ މި ވާހަކަ މިގޮތަށް ދެއްކުމުގެ ނަތީޖާއަކީ ވައުދު ފުއްދުމުގެ ނަމުގައި ރަށްރަށް ހިއްކުމެވެ. ނަމަވެސް ތިމާވެށި ހަލާކުކޮށްލައިގެން ހިއްކާ ބިންތަކުންވެސް ގޯތި ނުދެވި ބަރިބަރިއަށް ވައުދު ތަކުރާރު ކުރުމެވެ.

ސިޔާސީ މީހުންގެ ސަޅިބައިސާތަކަށް އަތްޖަހަން ނުތިބެ އަޅުގަނޑުމެން ދެންވެސް ވިސްނަންވީ ގެދޮރު އަޅަން ބިން ހޯދާނީ ކޮން ތަނަކުންތޯއެވެ. އަދި ދިރިއުޅުމަށް ބިން ދީފައި ދެންހުރި ކަންކަމަށް ބިން ކަނޑައަޅާނީ ކޮންތަނަކުންތޯއެވެ. އެންމެ ބޮޑު ސުވާލަކީ ރާއްޖޭގެ ހުރިހާ ރަށެއްވެސް ވާންވީ މާލެ ގޮތަށް ތޯއެވެ. އުސް އިމާރާތުން ފުރި ބާރުވެފައިވާ ކޮންކްރީޓް ޖަންގައްޔެއްހެން އަޅުގަނޑުމެންގެ ކުދިކުދި ރަށްތައް އެއްވެސް ޕްލޭން އެއްނެތި ތަރައްޤީވެގެން ދިއުމަކަށް އެއްވެސް ފަރާތެއް ނޭދޭނެއެވެ.

ރާއްޖޭގެ ކޮންމެ ރަށަކަށް ބަލާލިޔަސް ފެންނަ އެއް މަންޒަރަކީ ފަޅު ގޯތީގެ ސަބަބުން ރަށުގެ ރީތިކަން ގެއްލިފައިވާ މަންޒަރެވެ. ބިންތަކުގައި އިމާރާތް ކުރުމަށް ފަށާފައި ނުނިމި ހުރި އިމާރާތްތައް މަދެއް ނޫނެވެ. ނޫނީ އެއްގޮތަކަށްވެސް އިމާރާތް ކުރަން ނުފަށާ ބިންތައްވެސް އެބަހުއްޓެވެ.

ރާއްޖޭގެ ސިޔާސަތުތައް އޮންނަ ގޮތުން، އެކަކަށް އެެއް ބިމަށްވުރެ ގިނަ ބިންވެސް ލިބިފައި އެބަހުއްޓެވެ. ބިން ދިނުމުގައި އިސްކޮށް އުޅޭ ފަރާތްތަކަށް ރިޝްވަތް ހުށަހަޅައިގެން ނޫނީ އޮންނަ ގާތް ގުޅުމެއްގެ ސަބަބުން މިހެންވާގޮތް މިހާރަކުވެސް މަދެއް ނޫނެވެ. މިގޮތަށް ބިން ދެވިގެންދާއިރު ގިނަފަހަރު ބިން ލިބިފައި އޮންނަނީ އެންމެ ބޭނުން ޖެހިފައި ހުންނަ ފަރާތަކަށް ނޫނެވެ. އަދި މިގޮތަށް ބިން ލިބިފައި ތިބޭ ފަރާތްތަކުން ބިމުގެ އެންމެ ފުރިހަމަ ބޭނުމެއްވެސް ނުހިފައެވެ. ބިން ރަޖިސްޓަރީ ކުރުމަށްފަހު އަޅާނުލާ ދޫކޮށްލަނީއެވެ. ނޫނީ ފުދުންތެރިކަން ހުރިގޮތުން އެ ބިމުގައި ގެ އަޅައިގެން އުޅުމުގެ ފެންވަރެއް ނެތީއެވެ.

ރަށްރަށުގައި މިހެން ބޭނުން ނުކޮށް ފަޅުކޮށް ހުންނަ ގޯތިތަށް ގިނަފަހަރު ވަނީ ކުށްތަކުގެ ހާލިތަކަށެވެ. މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކުގެ އައްޑާތަކަށްވެ އެހެނިހެން ކުއްތަކުގެ ޖަގަހަތަކަށް މިތަންތަން ވެގެންދާއިރުވެސް ބިންތައް އަނބުރާ ދައުލަތައް ނެގުމުގެ ފުރުސަތެއް ނެތުމަކީ އަޅުގަނޑުމެންގެ ޤާނޫނު ހަދާ ފަރާތްތަކުގެ އުނިކަމެކެވެ. އިތުރު ފަރާތްތަކަށް ބިން ދިނުމަށް ހުޅުވާލުމުގެ ކުރިން މިހާރު ދޫކޮށްފައި ހުރި ބިންތައް ބޭނުން ކުރެވެމުންދަނީ އެންމެ ފުރިހަމައަށްތޯ ބަލަން ޖެހެއެވެ. ރަށްރަށުގައި ބިން އޮވެފައި އެ ރަށެއް ނޫން އެހެން ސަރަޙައްދުތަކުގައި ނޫނީ ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ ފަރާތްތައް ހޯދައި ބިމުގެ ބޭނުން ގެދޮރުވެރިކަމަށް ބޭނުން ނުކުރާނަމަ ދައުލަތުން އެ ބިންތައް އަނބުރާ ނެގޭނެ ގޮތަށް ގާނޫނުތައް ބަދަލު ކުރަން ޖެހެއެވެ.

ޤަބޫލުކުރަން ދަތިނަމަވެސް، ޙަޤީގަތަކީ ބިމެއް ލިބުނަސް ކޮންމެ ކޮންމެ ފަރުދަކަށް އެފަރާތުން ބޭނުންވާ ގޮތަކަށް ގެއެއް ނޭޅޭނެކަމެވެ. މާލީ ތަނަވަސްކަން ނެތުމުން ނޫނީ އެހެނިހެން ސަބަބުތަކާ ހެދި ދައުލަތުން ލިބިފައި އޮންނަ ބިން ބޭނުން ނުކުރެވި އޮންނަތަން އެއީ އާންމު ކަމެކެވެ. މާޒީގައި މިކަން މިގޮތަށް ހިނގާފައި އޮތް އޮތުން އިބުރަތަކަށް ބަލައިގެން ސަރުކާރުން އަދި ކައުންސިލް ތަކުންވެސް ގެދޮރުވެރިކަމަށް ބަންޑާރަ ބިން ދޫކުރުން ހުއްޓާލަން މާލަސް ވެއްޖެއެވެ.

ބަންޑާރަ ބިން ދޫކުރުމުގެ ބަދަލުގައި އެކި ފަންތީގެ ގެދޮރުވެރިކަމުގެ އިމާރާތްތައް ކުރުމަށް ވިސްނަންވެއްޖެއެވެ. އަމިއްލަ ފަރުދުންނަށް ބިން ދޫކުރުމުގެ ބަދަލުގައި ތަފާތު ހައުސިން ޕްރޮޖެކްޓްތައް ކުރިއަށް ގެންގޮސް ބޯހިޔާވަހިކަން ފަހިކޮށްދޭނެ ވިސްނުން ގެންގުޅެން ވެެއްޖެއެވެ. އޭރުން ބިމުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފި، ގިނަ ބަޔަކަށް އޭގެ މަންފާ ލިބިގެން ދާނެއެވެ. އެކި ފަންތީގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމުން ބޯހިޔާވަހިކަން ލިބޭ މީހުން އިތުރުވެގެންދާނެއެވެ. އެއް ރަށުން އަނެއް ރަށައް ބަދަލުވާން ބޭނުން މީހުންނަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެއެވެ. ބިމުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމުގެ ފުރުސަތު ހުޅުވިގެންދާނެ އެވެ.

ދުނިޔޭގެ އެހެނިހެން ޤައުމުތަކުގައިވެސް ކަންކުރާ އުސޫލުން އަޅުގަނޑުމެންވެެސް އިބުރަތެއް ޙާސިލުކޮށް އޭގެއިން މިސާލުނަގައި މިހާރުން ފެށިގެންވެސް ކުރީން ހެދިފައިހުރި ގޯސްތައް ރަގަޅުކުރަން ޖެހެއެވެ. ދިވެހީން އެ ޤައުމަކަށް ވުމަށް ބޭނުންވާ ސިންގަޕޫރުގައިވެސް ކަންތަކުރި ފަދައިންނެވެ. ސިންގަޕޫރު ފަދަ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ބިމަކީ އެ ޤައުމެއްގެ އެންމެ އަގުބޮޑު އެއް ވަސީލަތައް ވީއިރު ހިތުހުރި ގޮތަކަށް އެކި ކަންކަމަށް ބިމެއްް ދުލެއްް ނުކުރެއެވެ. ހެދިފައިވާ ދުރު ރާސްތާގެ ޕްލޭންތަކާއި އެއްގޮތްވާނޭހެން އެކި ކަންކަމަށް ބިން ދިނުމަށް ޒޯންތަކެއް ކަނޑައެޅި އެ ބޭނުންތަކަށް އެކަނި ދޫކުރުމުގެ ސަބަބުން ފުރިހަމަ އަދި ފަސޭހަ ގޮތުގައި މީހުންނަށް ދިރިއުޅުމަށް މަގުފަހި ވެފައި އެބައޮތެވެ.

އަދި މީގެ އިތުރުން ބިންތަށް އެ ޤައުމުގެ ކޮންމެ ރަށްޔިތަކަށް ދިނުމުގެ ބަދަލުގައި ސަރުކާރުން އެކި ފަރާތްތަކާއި ޙަވާލުކޮށްގެން ހައުސިން ޔުނިޓްތަކާއި އެކި ފަންތީގެ އެޕާޓްމެންޓް އިމާރާތްތައް އަޅައި އެ ޤައުމުގެ ރައްޔިތުންނަށް ފަސޭހަ ކަމާއި އެކީ އެ ތަންތަން ދިގު މުއްދަތުން މިލްކު ކުރެވޭގޮތަށް ލިބޭނެ އިންތިޒާމު ހަމަޖައްސައި ދެއެވެ.

މިފަދަ އުސޫލަކުން ގެދޮރުވެރިކަމަށް ޙައްލެއް ހޯދުމަށް ވިސްނައިފިނަމަ އޭގެ ސަބަބުން ރިއަލް އެސްޓޭޓް މާރކެޓް އިތުރަށް ފުޅާވެ ވާދަވެރިކަން އައުމުގެ ސަބަބުން ކުލީގެ އަގުވެސް ކުޑަވެގެން ދާނެއެވެ. އަދި އެ ރަށެއްގައި އުޅޭ މީހުންނަށް ބޭނުންވާ މިންވަރަށް ބޯހިޔާވަހިކަންވެސް ފޯރުކޮށްދިނުމަށް ފަސޭހަވެގެން ދާނެއެވެ. އެހެން ގޮތަކަށް ބުނާނަމަ ޑިމާންޑާ އެއްވަރު ސަޕްލައި އެއް އުފެދުމަށް މަގުފަހިވެގެން ދާނެއެވެ. ރަށަށް ނިސްބަތްވާ ފަރާތްތަކަށް ބޭނުންވާ ވަރަށް ހުރެފައި އިތުރުވާ (ސާރޕްލަސް) އެޕާރޓްމެންޓް ނޫނީ ޔުނިޓްތަކަށް އެހެން ރަށްރަށުގެ މީހުން އައިސް ވަޒަންވެރިވުމަށްވެސް ބާރުއެޅިގެން ދާނެއެވެ.

ނަމަވެސް، ހަމައެކަނި ގެދޮރުވެރިކަމަށް އިމާރާތް އެޅުމަކުންވެސް ނުފުދޭނެއެވެ. މީގެ އިތުރުން އެއާއި ގުޅިގެން މީހުންނަށް ބޭނުންވާނެ ވަސީލަތްތައްވެސް ތަރައްޤީ ކުރުމަށް ސިޔާސަތު ހަދައި ތަންފީޒުކުރަން ތިބި މީހުން ވިސްނަން އެބަޖެހެއެވެ. ރާއްޖޭގައިވެސް މިގޮތަށް މިކަން ކުރެވޭނެކަމުގެ އެއްމެބޮޑު އެއް ހެއްކަކީ ހުޅުމާލެއެވެ. ފުރިހަމަ ޕްލޭނެއްގެ ދަށުން ތަރައްޤީ ކުރުމުގެ ފޮނި ނަތީޖާ ދިވެހިންނަށް ފެންނަމުންދާ ފުރިހަމަ މިސާލަކަށް ހުޅުމާލެ ވީހިނދު އެގޮތަށް އެހެނިހެން ރަށްތައްވެސް ތަރައްޤީ ކުރުމަށް ވިސްނަން ޖެހެއެވެ. ރަށްތަކުގައި މިހާރު މީހުން އުޅެމުންއަންނަ ސަރަޙައްދުތައް ވެސް ބަދަލު ގެނެވެން އޮތް މިންވަރަކުން ބަދަލުކޮށް އަލަށް ތަރައްޤީ ވާން އޮތް ސަރަޙައްދުތައް އެކަށީގެންވާ ޕްލޭންތަކެއްގެ ދަށުން ކުރިއަށް ގެންދަން ޖެހެއެވެ.