Last Updated: April 24, 23:11
Wednesday, April 24, 2024
ވިޔަފާރި

އަހަރުގެ ފުރަތަމަ ހަފްތާގައި ރާއްޖެއަށް 20،000 ޓޫރިސްޓުން

ބޯޑަރު ހުޅުވި ދުވަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް: ފޮޓޯ / ވީއައިއޭ

މި އަހަރުގެ ފުރަތަމަ ހަފްތާގައި ރާއްޖެއަށް 20،000 ޓޫރިސްޓުން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ހަފްތާގައި ޒިޔާރަތް ކުރި ފަތުރުވެރިންގެ ޖުމްލަ އަދަދަކީ 20،612 އެވެ. އެގޮތުން ފުރަތަމަ ހަފްތާގައި ދުވާލެއްގެ މައްޗަށް ރާއްޖެ އަށް 2،000 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވެއެވެ.

މި އަހަރުގެ ފުރަތަމަ ހަފްތާގެ ތެރޭގައި އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރީ ރަޝިއާއިންނެވެ. އެ ގައުމުން 5،331 ފަތުރުވެރިން ޒިޔާރަތް ކުރި އެވެ. ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރީ އިންޑިއާއިންނެވެ. އެ ގައުމުން 1،816 ފަތުރުވެރިން ޒިޔާރަތް ކުރި އެވެ.

އަންނަ އަހަރުގެ އޮކްޓޫބަރުގައި ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރޭތީ އެކަމާ ގުޅޭ ހަރަކާތްތައް މިހާރު ވަނީ ފަށާފައެވެ.

މިދިޔަ އަހަރު ނިމުނު އިރު ރާއްޖެއަށް 555213 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިިނިސްޓްރީން ބުނެއެވެ. އެގޮތުން ބޯޑަރު ހުޅުުވާލިފަހުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 172366 ފަތުރުވެރިންނެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ރާއްޖެއަށްވަނީ 96225 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ ބޯޑަރު ހުޅުވާލި ފަހުން އެއް މަސް ދުވަސްތެރޭ އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ މަހެވެ.