Last Updated: April 24, 16:37
Wednesday, April 24, 2024
ރިޕޯޓް

ސޯޝަލް މީޑިއާގައި "ބަރަހަނާ" ވަނީ، ބެލޭނެ ގޮތެއް ނެތް!

ޒަމާނީ ތަރައްގީގެ ކުލަވަރު ޖެހި ހުޅަނގުގެ ކުލަވަރު އަޅުގަނޑުމެންގެ ރާއްޖޭގައި މިވަނީ ޖެހިފައިވެއެވެ. ބޭރުގެ ނުފޫޒު ނުފޯރާ ހިސާބެއް މިއަދު މި ކުޑަކުޑަ މުޖްތަމައުގައި ނެތެވެ. ރިޔާސަތު ހިންގުމުން ފެށިގެން ބަންޑުންވެފައިވާ ނާއްޓެއްވެސް އުއްޑުން ކޮށްލަން މިހާރު އަޅުގަނޑުމެން ބަލަނީ ބޭރުގެ ނަމޫނާއެވެ. މީގެ މައްސަލަޖެހޭ ހިސާބަކީ އުމްރާނީ ތަރައްގީއަށް ވުރެ ފިތުނަ ބޮޑުވުމުންނެވެ. މުޖްތަމައު ތެރޭގައި ކަންކަން ހިނގާ ނުރަގަނޅު އުސޫލުތައް "ޓްރެންޑް" އަށް ބަދަލުވުމުންނެވެ.

އެގޮތުން އޭގެ އަސަރު އެންމެ ބޮޑަށް ފެންނަނީ ސޯޝަލް މީޑިއާ އަދި މުނިފޫހިފިލުވުމުގެ ދާއިރާތަކުންނެވެ. ބައިސްކޯފު ސިނަމާއަށް ބަދަލުވެ ފޯނުން މަންޒަރު އެންމެންނަށް އެކި މޭރުމުން ފެންނާނެހެން ދުނިޔެ މިވަނީ ކުޑަވެފައެވެ. ދުނިޔޭގެ ކޮންމެ ގައުމެއްގައި ހިނގާ ކޮންމެ ކަމެއްވެސް މިއަދު އެއްވެސް ހުރަހެއް ދައްޗެއްނެތި އަޅުގަނޑުމެންނަށް ބަލާލެވޭނެއެވެ.

ނަމަވެސް ފާހަގަ ކޮށްލަން ޖެހޭ އެހެންނަމަވެސް ބައެއް ފަރާތްތަކަށް ހަޖަމުކުރަން ދަތި ހަގީގަތަކީ ރާއްޖޭގައި މިއަދު ފިލްމް އިންޑަސްޓްރީއިން ފެންނަމުން ދަނީ މިފަދަ މުސްލިމް ގައުމެއްގައި ފެނިގެން ދާންޖެހޭނެފަދަ މަންޒަރުތަކެއްނޫނެވެ. އަދި މި ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންގެ ކިބައިން މުޖްތަމައަށް ކުރަމުންދަނީ ވަރަށްވެސް ނުރަނގަޅު އަސަރަކެވެ. ޒަމާނީ ތަރައްގީ އަކީ ހުތުރު ބަހުރުވައާއި ހަށިގަނޑުގެ ވަނާތައް ފާޅުކުރުމެއްނޫނެވެ. ޔޫރަޕް ނޫނީ އިންޑިއާގައި ފިލްމު ކުޅޭ އުސޫލުން މިފަދަ މުސްލިމްގައުމެއްގައި މަންޒަރުތައް ނަގަން ފަށައިފިނަމަ އެއަކަށް އަޅުގަނޑުމެންނަކަށް ކުރިއެރުމެކޭ ވެސް އަދި ތަރައްގީ އެކޭ ވެސް ނުވަތަ މިފަހުގެ މޮޅުގޮތެކޭ ވެސް ނުކިޔޭނެއެވެ.

މިފަހަކަށް އައިސް ފިލްމީ ތަރިންގެ ނަމުން އާއްމުންގެ ތެރޭގައި މަޝްހޫރުވެފައިވާ ގިނަ ފަންނާނުންގެ ފަރާތުން ފެނިގެންދަނީ އިސްލާމް ދިނާށާއި އާއްމު މުޖްތަމައެއްގެ ތެރޭގައި ދިރިއުޅޭ މީހުންނަށް ފިކުރީ ގޮތުން އެތަކެއް ނޭއްގާނީ އަސަރުތަކެއް ކުރުވާފަދަ ޢަމަލުތަކާއި މަންޒަރުތަކެކެވެ. ޓިކްޓޮކް ފަދަ ސޯޝަލް ޕްލެޓު ފޯމުތަކުގައި އަމިއްލައަށް ބަރަހަނާވެ ވީޑިއޯ ހަދައި އާއްމު ކުރަމުން އަންނަ އިރު މިކަމަކީ އާދައިގެ ކަމެއްކަމަށް މިވަނީ ވެފައެވެ. މިފަދަ ކަންކަމަށް ގިނަ މީހުންގެ ތާއީދު ލިބިމެން އަންނަ އިރު އެމިކަމާއި އިދިކޮޅަށް ވާހަކައެއް ދައްކައިފި މީހަކު މުޖްތަމައުން ބާކީ ވެދެއެވެ. "ކަޓު" މީހެއްގެ ތައްގަނޑުޖެހިދެއެވެ އަދި އެފަދަ މީހަކީ ބޯދާ މީހަކަށް ބަދަލުވެއެވެ.

މުނިފޫހިފިލުވުމުގެ ދާއިރާ އާއި ސޯޝަލް މީޑިއާގެ އެކި ޕްލެޓުފޯމުތަކުގައި ހަރަކާތްތެރިވާ މިފަދަ މީހުންނަށް އެކި ފެންވަރުގައި އެކި ގޮތް ގޮތުން އަދި އެކި ހަފްލާތައް ބާއްވައި މިފަދަ ފަރާތްތަކަށް އެވޯޑްތަކާއި އިނާމު ތަކާއި ހަނދާނީ ފިލާތަކާއި އަދި އިތުރަށް މިފަދަ ކަންކަން ކުރާނެ މަގު މިދަނީ ފަހިކޮށްދެވެމުންނެވެ. މީގެ އެންމެ ބޮޑު އެއް ރޯލެއް އަދާ ކުރަނީ ސަރުކާރުންނެވެ. ފިލްމް ފެއާގައި އެންމެ ގިނަ އެވޯޑްތައް ލިބޭ ފަރާތުގެ އަމިއްލަ އިންސްޓަގްރާމް އިން ލައިވް ކުރެވޭ ވީޑިއޯގައި ބަރަހާނާ މަންޒަރު ތައް ހިމެނުނަސް އެއަކަށް ދައްކާނެ ވާހަކައެއްނެތެވެ.

ތަނެއް ފަސާދަވާން ދިމާވާ އެންމެ ބޮޑު އެއް ކަމަކީ ޒިނޭގެ ފާހިޝް އަމަލު އެތަނެއްގައި އާއްމުވުމެވެ. މިފަދަ ފަންނާނުން ލޯކުރިމަތީގައި މިފަދަ އަމަލުތައް ހިންގައި އޭގެ އަނެއް ދުވަހު ކޮންމެވެސް ނޫހެއްގެ ފަލަ ސުރުޚީއަށް އަރަނީ ކޮންމެވެސް އާލަވައަކުން ނޫނީ އާ ފިލްމަކުން އެނޫންވެސް މޮޅު އެވޯޑެއް ލިބިގެންނެވެ. މިހާރުގެ މިހުންނަ ނޫސްތަކުން ވެސް މިކަންކަން އެއްކިބާ ކުރުމަށްފަހު މިފަދަ ކަންކަމަށް ބާރުދީ އާންމުންގެ ތެރޭގައި މަތިއޮއްބައި ރީތިކުރަނީ މިއަދު އެ ފުރުސަތު ލިބޭނެ ގޮތްތައް ރާއްޖޭގައި އޮތުމުންނެވެ.

ނިވާކަން ކުޑަ ހެދުން އަޅައި މިގެނެވޭ އިޝްތިހާރުތަކާއި ބަނޑާއި މޭމަތިން ހޯދާ ފޮލޯވާސް ގިނަ އިންސްޓަގްރާމް މޮޑެލްތަކޭ ކިޔައިގެން މި އުޅުއްވާ ބޭފުޅުން މެދުވެރިކޮށް ގެނެސްދޭ ޕްރޮމޯޝަންތަކާއި އިޝްތިހާރުތަކާއި ގިވްއަވޭ ތަކުން ހަގީގަތުގައި މިކުޑަކުޑަ މުޖްތަމައަށް ކުރަނީ ކިހާވަރެއްގެ ނުރަނގަޅު އަސަރެއްތޯ ވިސްނާލީ ކިތައް ބޭފުޅުން ތޯއެވެ.

އިންޑިއާގައި ސަނީ ލިއޯނީ އަޅާ ހެދުމެއް މިތާއުޅޭ މީހަކު އެޅުމުން އެޖެހެނީ މައްސަލައެވެ. ރާއްޖޭގައި ކައިލީ ޖެނާ އެއް ހުރެ އޭނަ މަޝްހޫރުވެ ރާއްޖޭގެ އެންމެ ރީތި އެންމެ މަގުބޫލޫ މީހަކަށް އޭނާ ވުމުން އެއޮތީ ކިތައްކަމަކަށް ފުށޫއަރާފައިތޯއެވެ؟ އަޅުގަނޑުމެން މިފަދަ ވާހަކައެއް ދެއްކުމުން އެކަމާއި އެތައްބަޔަކު ނުރުހުން ފާޅުކުރާނެއެވެ. ނަމަވެސް މިއީ ރަނގަޅުނޫން ކަންކަން ކަމަށް ހެކިދެވޭނެ ދުވަހެއް އޮތްކަން ޔަގީނެވެ. ރާއްޖެ ނޫނީ ޕިއްޒާ އިޝްތިހާރެއްގައި ޗިކެން ލެގްސް ފެންނަ ގައުމެއް ނޯވެއެވެ. މިކަންކަމަކީ އޭގެ ސަބަބުން އެތައް ބަޔަކަށް ފިކުރީ ގޮތުން އެތަކެއް ނޭދެވޭ އަސަރުތައް ކޮށް މިފަދައިން ކުރިއަށް ދާން ބާރުލިބިދޭ ކަންކަމެވެ.

ޑޮކްޓަރު ނަމުގެ ކުރިއަށް ލާފައި ތިބޭ ދީނީ އިލްމުވެރިން މިއަދު އަޑުއުފުލައި މައްސަލަ ޖައްސަނީ ސަރުކާރު ލާދީނީވެގެންނެވެ. މުޖްތަމައުގައި ހިނގާ މިފަދަ ކަންކަން ނުފެންނަ ފަދަ އެވެ. އިންސްޓަގްރާމް ގައި ނިވާކަން ކުޑަ ހެދުން އަޅައި ޓިކްޓޮކް ކިޔާ އެޕްލިކޭޝަންއެއްގައި ބަނޑާއި ކަނދުރާއާއ މިނޫންވެސް ދައްކަން ނުޖެހޭ އެތައް ގުނަވަނެއް ދައްކައި ފިލްމުތަކުގައި އައުގުރާނަ ގޮވާއިރުވެސް އެކަމަށް އެއްޗެކޭ ބުނެލާނެ ދީނީ އިލްމުވެރިއެއް މިގައުމުގައެއް ނެތެވެ.

ރިޔާސީ އިންތިޚާބާއި ދިމާކޮށް މީހުން އެއްކޮށް ވެރިކަން ބަދަލުވާހެން ދުއާކުރަން މެނުވީ ނޫނީ ހަދީސްތަކުން ހާމަވާ ރިޔާސީ ކުށްތައް ފާހަގަކޮށް އެކަން ހާމަކުރުން މެނުވީ ކޮށްލެވޭ ރަނގަޅު ކަމަކަށް ނުވެއެވެ. ތަނެއް ފަސާދަވެ ބައެއްގެ ސަބަބުން މުޅި ޖީލުގެ ފިރިހެން ދަރިންގެ ސިކުނޑިތައް ފަސާދަވެ އަންހެން ދަރިންތަކެއް އެބައެއްގެ އަވާގައި ޖެހި ނެތިގެން ދާއިރު މިކަން ފެންނަނީ މަދު ބަޔަކަށެވެ. ނޫހަކުން ލިޔާ އާޓިކަލް އެއްގެ ކޮމެންޓް ސެކްޝަންގައި ދެބަހެއް ތިންބަހެއް މަލާމާތުގެ ރާގަކަށް ބުނެލުމުން ހައްލުވީއެއްނޫނެވެ.

މިއާޓިކަލް މިމޭރުމުން ލިޔެފައި އޮތުމުން އުނދަގޫވާނެ އެތައް ބަޔަކު ތިބޭނެއެވެ. ތިމާގެ ރީތިކަން ހާމަވަނީ ވަނާ ތަކުންނާއި ތަންތަން ތޮރުފައި ގައިގައި ކުރަހައިގެން ކަމަށް ދެކޭ މީހުންނަކީ އެއީ ވަގުތީ ހިތްހަމަޖެހުމެއްގެ ލާމަސީލު ނަމޫނާއެކެވެ. ދާއިމަށް ބޭނުންވާނެ ބައެއްނޫނެވެ. އެ ފަދަ މީހުންގެ ސަބަބުން އެތަކެއް ބައެއްގެ ލޮލަށާއި ދުލަށް އެތަކެއް ފާފައެއްވާނެކަން އަޅުގަނޑުމެންނަށް ބާވައިލެއްވި ފޮތުން އެނގިހާމަވާން އެބައޮތެވެ. މިއީ އަޅުގަނޑު އަމިއްލައަށް ހަދައިގެން ދައްކާ ވާހަކަތަކެއް ނޫނެވެ. މި ގައުމުގެ ކަންކަން ކުރިއަށް މިދާގޮތާއި ދޭތެރޭގައި ކަންބޮޑުވާންޖެހެއެވެ. އަދި ސަރުކާރެއް ނޫނީ މިކަމާއި އިދިކޮޅަށް ބަހެއް ބުނެލާނެ ފަރާތެއް ނެތުމަކީ މިގައުމު އަޑިއަށް ދިޔުމުގެ އެންމެ ބޮޑު އެއް ހެއްކެވެ.