Last Updated: April 19, 20:49
Friday, April 19, 2024
ދުނިޔެ

ބައިޑެން ހުވާ ކުރައްވާ ހަފްލާއަށް ވަޑައިނުގަންނަވަން ޓްރަމްޕް ނިންމަވައިފި

އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑެން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިނުގަންނަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި މަހުގެ 20 ވަނަ ދުވަހު ބާއްވާ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިނުގަންނަވާނެ ކަމަށެވެ. މިއީ އެމެރިކާގެ އާ ރައީސަކު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އެމެރިކާގެ ރައީސްކަމުން ވަކިވެވަޑައިގަންނަވާ ބޭފުޅަކު ވަޑައިނުގަންނަވާ ފުރަތަމަ ފަހަރެވެ.

ބައިޑެން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިނުގަންނަވަން ޓްރަމްޕް ނިންމެވިއިރު، އޭނާ ގެންދަވަނީ އިންތިހާބުގެ ނަތީޖާ ގަބޫލުކުރައްވަން ތަކުރާރުކޮށް ދެކޮޅު ހައްދަވަމުންނެވެ. އެގޮތުން މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގައި ޓްރަމްޕްގެ ސަޕޯޓަރުންތަކެއް އެމެރިކާގެ ކޮންގްރެސް ހިސޯރުކޮށް އެތަނަށް ގެއްލުންތަކެއް ވެސް ވަނީ ދީފައެވެ.

ޓްރަމްޕްގެ ސަޕޯޓަރުން ކޮންގްރެސް އަށް ވަދެގެންފައިވަނީ ޖޯ ބައިޑަން އިންތިޚާބު ކާމިޔާބުކުރެއްވުން ކޮންގްރެސް އިން ރަސްމީކޮށް ބަލައިގަތުން ކުރިއަށްދަނިކޮށެވެ.

އިންތިހާބުގެ ނަތީޖާ ގަބޫލުކުރައްވަން ތަކުރާރުކޮށް ޓްރަމްޕް ދެކޮޅު ހެއްދެވި ނަމަވެސް ވެރިކަމުގެ ބާރުތައް ސުލްހަވެރިކަމާއެކު ބަދަލުކުރުމަށް އޭނާ ވަނީ އެންމެފަހުން ރޭގެ ވަގުތެއްގައި އެއްބަސްވެފައެވެ.

ބައިޑެން އަކީ އެމެރިކާގެ ރައީސްކަން ކުރައްވާނެ 46 ވަނަ ބޭފުޅާއެވެ.