Last Updated: April 25, 12:03
Thursday, April 25, 2024
ދުނިޔެ

އުމުރު ދުވަހަށް ޓްވިޓާ އިން ޓްރަމްޕް ބޭރުކޮށްލައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުމުރު ދުވަހަށް ޓްވިޓާ އިން ބޭރުކޮށްލައިފިއެވެ.

މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގައި ޓްރަމްޕްގެ ސަޕޯޓަރުންތަކެއް އެމެރިކާގެ ކޮންގްރެސް ހިސޯރުކޮށް އެތަނަށް ގެއްލުންތަކެއް ދިނުމާއި ގުޅިގެން ޓްވިޓާ އިން ވަނީ ޓްރަމްޕްގެ އެކައުންޓް 12 ގަޑިއިރަށް ސަސްޕެންޑްކޮށްފައެވެ. ޓްރަމްޕް ވަނީ އިންތިހާބުގެ ނަތީޖާ ކޮންގްރެސް އިން ބަލައިގަތުމާ ދެކޮޅަށް ބޭއްވި އެ އެއްވުމަށް ސޯޝަލް މީޑީއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް ހިތްވަރު ދެއްވާފައެވެ.

އެގޮތުން އެކަމަށް ހިތްވަރުދީ ޓްވިޓާ މެދުވެރިކޮށް ޓްރަމްޕް ކުރެއްވި ބައެއް ޓްވީޓުތައް ޓްވިޓާ އިން ވަނީ ޑިލީޓް ވެސް ކޮށްލާފައެވެ.

ފޭސްބުކް އާއި އިންސްޓަގްރާމް އިން ދެ ހަފްތާގެ މުއްދަތަށް ޓްރަމްޕް ސަސްޕެންޑްކޮށްފައިވާއިރު، ޓްވިޓާ އިން މިރޭ ބުނީ ހަމަނުޖެހުމަށް ހިތްވަރު ލިބޭ ފަދަ އަމަލުތަކެއް ޓްރަމްޕްގެ ޓްވިޓާ އެކައުންޓް މެދުވެރިކޮށް ކުރިއަށް އޮތް ތަނުގައި ވެސް ހިންގުމުގެ ފުރުސަތު އޮތަތީ ޓްވިޓާ އިން އުމުރު ދުވަހަށް ބޭރުކުރަން ނިންމީ ކަމަށެވެ.

ޓްވިޓާ އިން ވަނީ ގައުމުތަކުގެ ލީޑަރުން ވެސް ޓްވިޓާގެ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތަންވާނެ ކަމަށާއި އެއްވެސް މީހަކަށް އެ ގަވާއިދުތަކުގެ މަތީގައި ނުތިބެވޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ދެފުށް ފެންނަ ގޮތެއްގެ މަތިން އަމަލުކުރަމުންދާނެ ކަމަށް ޓްވިޓާ އިން ބުނެއެވެ.

ޓްވިޓާ އިން އުމުރު ދުވަހަށް ޓްރަމްޕް ބޭރުކުރިއިރު، އޭނާގެ ފޮލޯވަރުންގެ ގޮތުގައި 88.7 މިލިއަން މީހުން އެބަ ތިއްބެވެ.