Last Updated: April 23, 14:49
Tuesday, April 23, 2024
ރިޕޯޓް

ފްލައިން ސްކޫލް މައްސަލަ: ދަރިވަރުންނަށް ހައްލެއް ލިބޭނެ މަންޒަރެއް ނުފެނޭ!

އައްޑޫ ފްލައިން ސްކޫލް ނުވަތަ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއައިއޭ)ގައި ކިޔަވާ ދިވެހި ދަރިވަރުންގެ ހާލަތުގެ ވާހަކަ މިހާރު ނޭގޭ މީހަކު މި ރާއްޖޭގައި މަދުވާނެއެވެ.

އަވައްޓެރި ލަންކާގެ ކުންފުންޏަކުން ހިންގާ މި ފްލައިން ސްކޫލް ގަމުގައި ހެދުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އޮތް ގާތްގުޅުމެއްގެ ތެރެއިން ކުރެވުނު މަސައްކަތުންނެވެ. އެތަން ގަމުގައި ހެދުމުގައި ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން ބޮޑެތި ފަސޭހަތަކާއި ލުއިތަކެއް ވަނީ ދީފައެވެ.

ކޮންމެ ގޮތަކަށް ހެދި ނަމަވެސް މި ސްކޫލްގައި ޕައިލެޓުން ތަމްރީނު ކުރުމުގެ ފުރުސަތު ހުޅުވުމާއި އެކު އެތައް ދިވެހި ބެލެނިވެރިންނަށް ހިތް ހަމަ ޖެހުން ލިބިގެން ދިޔައެވެ. ދިވެހި ފަސްގަނޑުގައި ތިބެ ޕައިލެޓު ކޯސް ނިންމައި ގައުމަަށް ހިދްމަތް ކުރުމަށް އެ ދަރިންނަށް ފަހި ފުރުސަތު ހުޅުވިގެން ދިޔައެެވެ.

ފާއިތުވި ދުވަސްތަކުގައި މި ފްލައިން ސްކޫލް ކިޔެވި އެތައް ޕަލެޓުންނެއް މިއަދު ދިވެހި ޖައްވުގައި ދަނީ އުދުހެމުންނެވެ. ނަމަވެސް އެއީ މިހާރު މާޒީއެވެ.

މިއަދު ފްލައިން ސްކޫލުންގެ ހާލަތު ހުރީ ދަރިވަރުންނަށް ކިޔަވައި ދިނުމުގެ ބަދަލުގައި، އެމީހުން ބޭނުންވާ ވަކި ލަނޑުދަޑިއެެއް ހާސިލް ކުރުމަށް ދަރުވަރުން ގުރުބާން ކުރާ ތަނެއްގެ ގޮތުގައެވެ.

ބޭންކު ލޯން ނަގައިގެން ކިޔަވަމުންދާ ދަރިވަރުން ތިބީ ކޯސް ނިމޭނެ ދުވަހެއް ނޭގި މާޔޫސްކަން މަތީއެވެ. ސްކޫލުން ކުދިން ނިންމައިދޭން މަސައްކަތެއް ނުކުރެއެވެ. އެކުދިންގެ މުސްތަގްބަލަކަށް ސްކޫލްގެ ވެރިން ނުވިސްނައެވެ. އެމީހުންގެ ވިސްނުން ހުރީ މިކަން ބޮޑު ސިޔާސީ ކަމަކަށް ހަދައި ދައުލަތުން ބޮޑު ބަދަލެއް ހޯދުމަށެވެ. އެއީ ސަރުކާރުން އެމީހުން ބޭރުކޮށްލައިގެން ނަމަވެސް އެވެ.

ފްލައިން ސްކޫލްގެ މައްސަލަ ރައީސް އޮފީހުގެ ސަމާލުކަމަށްވެސް ވަނީ އައިސްފައެވެ. ނައިބް ރައީސް އެތަނުގެ ދަރިވަރުންނާއި ބައްދަލުކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގެ މެމްބަރުން އައްޑޫއަށް އައިސް ފްލައިން ސްކޫލްގެ ދަރިވަރުންނާއި ތަނުގެ އިސްވެރިންނާއި ބައްދަލުކޮށްފިއެވެ. މި މައްސަލަ އާއި ގުޅިގެން ޓްރާސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ މަޖިލީހުގެ ކޮމެޓީއަށް ހާޒިރުކޮށް ސުވާލު ކުރެވިއްޖެއެވެ. އެކަމަކު އަދިވެސް މައްސަލަ ކޮޅެއްގައި ޖެހެން އުޅޭ މަންޒަރެއް ނުފެނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ މެމްބަރުން ފްލައިން ސްކޫލްގެ ވެރިންނާއި ބައްދަލު ކުރުމުން ދެއްކީ ކުދިންގެ ބަހަނާއެވެ. ކުދިންގެ މައްސަލައެވެ. އެމީހުންގެ އެއްވެސް މައްސަލައެއް ނެތެވެ. އެކަމަކު ތަނުގައި ނެތް ވަސީލަތަކަށް ކުދިން ސްކޫލަށް ވައްދައި އެކުދިން އަތުން ބަރާބަރަށް ޑޮލަރުން ފީ އެބަނަގައެވެ.

ބޮޑެތި ލޯން ނަގައިގެން ކުދިން ސްކޫލަށް ފީ ދައްކަން ރަނގަޅެވެ. އެކަމަކު އެކުދިންނަށް އުދުހެން ނުވަތަ ކިޔަވައިދޭން ވީމާ ކުދިން ގޯސްވެއެވެ.

18 މަސް ދުވަހުން ކިޔަވައި ނިންމައިދޭނެ ކަމަށް ބުނެ ކުދިންނަށް ލިޔެކިއުންދީ އެލިޔުންތަކަށް ބަލައި ބޭންކުން ލޯން ނަގައި ކިޔެވުން ނުނިމި ލޯން ދައްކާތާ 3 އަހަރުވެފައިވާ ކުދިން އެބަތިއްބެއެވެ. އެކަން ސަރުކާރަށް އެނގެއެވެ. އެކަން ސިޔާސީ އެންމެނަށް އެނގެއެވެ. ފްލައިން ސްކޫލުން ހަދާ ދޮގުތައް ވެސް އެބައެނގެއެވެ. އެކަމަކު ވިޔަވަޅެއް ނޭޅެއެވެ.

ފްލައިން ސްކޫލްގެ މައްސަލާގައި އެތަނުގައި ކިޔަވާ ގިނަ ދަރިވަރުން މިހާރު ތިބީ މާޔޫސްވެ ކިޔެވުން މަތިން ފީހިވެ، ލޯނުގެ ދަންތުރައެއްގައި ތާށިވެފައެވެ. އެކުދިންނަށް ލޯނު ދެއްކޭނެ ލުއި ގޮތެއް ހޯދައި ނުދެވެއެވެ. ކޯސް ނިންމޭނެ ގޮތެެއް ހޯދައި ނުދެވެއެވެ. ހައްތަހާވެސް ދެކެވެނީ ބޭކާރު ވާހަކައެވެ.

ފްލައިން ސްކޫލްގެ ދަރިވަރުން ބުނާ ގޮތުން އެކުދިންގެ ކިޔެވުމުގެ ކުރިމަގު އަންދާޒާ ކުރަން ނޭގެއެވެ. އެހެންވެ ލޯން ދައްކަން ޖެހޭނީ ކިތައް ދުވަހެއް ކަމެއް ސާފު ނުވާކަމަށެވެ.

ނަމަވެސް ދަރިވަރުން އެދެނީ ސަރުކާރުން އެންމެ ކުޑަމިނުން އެކުދިންގެ ލޯންތައް ފަސްކޮށް ދިނުމަށެވެ. ނުވަތަ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ތަކަށް ލޯން ބަދަލުކޮށް ކޯސް ނިންމަން ލުއި ތަކެއް ދިނުމަށެވެ.

އެކަމަކު އެފަދަ މަޝަވަރާއެއް ނުހިގައެވެ. މިނިސްޓަރ ނަހުލާ އާއި ސްޓޭޓު މިނިސްޓަރ ޒުހައިރު އެކަކު އަނެކެއްގެ ބޮލަށް މައްސަލަ ކަނޑަނީއެވެ. މުޅި ދައުލަތް މިވަނީ ފްލައިން ސްކޫލް ދަށުވެ ތާށިވެފައެވެ.