Last Updated: April 20, 17:32
Saturday, April 20, 2024
ޚަބަރު

ފައިރޫޝް ރިޓަޔާ ކުރުން ނަޝީދުގެ ފަރާތުން މައްސަލަ 241 ކޮމެޓީއަށް!

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފައިރޫޝް އިސްތިއުފާދެއްވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީއަށް އެމްޑީޕީގެ ރައީސް އަދި މަޖްލިސްގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވައިފިއެވެ.

ފައިރޫޝްގެ މައްސަލަ ނަޝީދު 241 ކޮމެޓީއަށް ހުށަހެޅުއްވީ މިމަހުގެ 2 ވަނަ ދުވަހު ފައިރޫޝް މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ނަޝީދު ވިދާޅުވީ އަލަށް ތަސްދީގު ކުރެވުނު ފުލުހުންގެ އާ ޤާނޫނަށް ޢަމަލުކުރަން ނުފަށަނީސް އިސްތިއުފާ ނުދެއްވޭނެކަމަށެވެ. ފުލުހުންގެ އާ ގާނޫނު ތަސްދީގު ކުރައްވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.

ފައިރޫޝް ރިޓަޔާވިކަން ހާމަ ކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ. ހަމީދު ވަނީ ފައިރޫޝް ފުލުހުންގެ ޚިދުމަތުގައި 20 ކުރެއްވި ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ފައިރޫޝްގެ މައްސަލަ މަޖްލިސްގެ 241 ކޮމެޓީއަށް ހުށަހެޅުއްވި އިރު ރައީސް ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު ފެބްރުއަރީ 7 ވަނަ ދުވަހު ވެއްޓުނު އިރު ފުލުހުންގެ ތެރޭގައި ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރެއްވި އިސް މީހެއްގެ ގޮތުގައި ފައިރޫޝް ހަރަކާތްތެރިވިކަމަށް ރައީސް ނަޝީދާއި އެމަނިކުފާންގެ ސަޕޯޓަރުން ދަނީ ބުނަމުންނެވެ.

އަދި މިވެރިކަމުގައި ފައިރޫޝްއަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މަގާމު ދިނުމުންވެސް އެމްޑީޕީ މެމްބަރުން ވަނީ ފާޑު ކިޔާފައެވެ.