Last Updated: April 25, 12:03
Thursday, April 25, 2024
ދުނިޔެ

59 މީހުންނާއެކު ދަތުރުކުރި އިންޑޮނީޝިއާގެ ފްލައިޓެއް ގެއްލިއްޖެ

50 އަށް ވުރެ ގިނަ މީހުންނާއެކު ދަތުރުކުރި އިންޑޮނީޝިއާގެ ފްލައިޓެއް ރާޑަރަށް ގެއްލިފައިވާ ކަމަށް އެގައުމުގެ ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފިއެވެ.

އެގޮތުން ގެއްލިފައިވަނީ 59 މީހުންނާއެކު ދަތުރުކުރި ސްރީވިޖާޔާ އެއާލައިންސްގެ މަތިންދާބޯޓެކެވެ. މި ބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި ފަސް ކުޑަކުދިންނާއި ތުއްތު ކުއްޖަކު ހިމެނޭ ކަމަށް އިންޑޮނީޝިއާގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އިންޑޮނީޝިއާގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުނާގޮތުން މި ފްލައިޓް ރާޑަރުން ގެއްލުނީ އެގައުމުގެ ވެރިރަށް ޖަކާޓާ އިން ނައްޓާލިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި ފްލައިޓް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ. އަދި އެ އެއާލައިނުން ވެސް މިހާރު އަންނަނީ މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ހޯދަމުންނެވެ.

189 މީހުންނާއެކު ދަތުރުކުރި އިންޑޮނީޝިއާގެ ފްލައިޓެއް 2018 ވަނަ އަހަރު ވަނީ ވެއްޓިފައެވެ. އެގޮތުން އެފަހަރު ވެއްޓިފައިވަނީ ލަޔަން އެއާގެ ފްލައިޓެކެވެ.