Last Updated: May 8, 22:22
Wednesday, May 8, 2024
ޚަބަރު ސިޔާސީ

ޝިމާޒްގެ މައްސަލަ އަވަހަށް ނިންމައިދިނުމަށް އެދިއްޖެ

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ އަށް ތުހުމަތު ކުރެވޭ މައްސަލަ ވީހާވެސް އަވަހަށް ތަހުގީގުކޮށް ނިންމުމަށް އޭނާ ނިސްބަތްވާ ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)އިން ގޮވާލައިފި އެވެ.

ރާއްޖޭގައި ދުއްވާ ހުރިހާ ވެހިކަލްތަކުގެ ނަންބަރު ޕްލޭޓް ބަދަލު ކުރަން ޖެހޭ ގޮތަށް ހަމަޖައްސާ އެކަން ޓްރާންސްޕޯޓު މިނިސްޓްރީން ހަވާލުކޮށްފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ އެ މަސައްކަތް ހަވާލުކުރިއިރު ޓްރާންސްޕޯޓު މިނިސްޓްރީގެ ބިޑު ކޮމެޓީގެ ޗެއާމަން އަކަށް ހުންނެވި ޑެޕިއުޓީ މިނިސްޓަރު ޝިމާޒްގެ މައްސަލަ މީޑިއާއަށް ފެންމަތިކޮށްފައިވަނީ ނޭޝަނަލް ޓެންޑާ ބޯޑުގެ ޗެއާމަން އިސްމާއީލް ޒަރިޔަންދެވެ.

އެކަން ޒަރިޔަންދު އެމްއާރްއެމްގެ ރައީސް އަދި ކުރީގެ ރައިސް މައުމޫން އަބްދުލްޤައްޔޫމްގެ ސަމާލުކަމަށް ގެނައުމުން އެމައްސަލައިގެ ތަފްސީލު ހިއްސާކުރުމަށް ރައީސް މައުމޫން އެދިލެއްވި އެވެ.

އެ މައްސަލައާއި ގުޅިގެން އެމްއެމްއާރްއެމުން އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާއަށް ޖެނުއަރީ 6 ވަނަ ދުވަހު ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، ތުހުމަތުކުރެވޭ މައްސަލަ އޭސީސީން ތަހުގީގު ކުރަމުން ގެންދާތީ، މައްސަލަ އަވަހަށް ނިންމައިދިނުމަށެވެ. އަދި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް އެ ޕާޓީއާވެސް ހިއްސާ ކުރުމަށް ސިޓީގައި އެދިފައިވެ އެވެ.

ޝިމާޒު އަންނަނީ އޭނާއަށް ކުރަމުން އަންނަ ތުހުމަތުތަކަށް އިންކާރު ކުރަމުންނެވެ.