Last Updated: April 20, 18:15
Saturday, April 20, 2024
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު ވެކްސިން ޕްރޮގްރާމް އިންޑިއާގައި ފަށަނީ

ކޮވިޑް-19 ގެ ވެކްސިން ދިނުމުގެ ދުނިޔޭގެ އެންމެ ބޮޑު ޕްރޮގްރާމް މި މަހުގެ 16 ވަނަ ދުވަހު އިންޑިއާގައި ފެށުމަށް ހަމަޖެހިއްޖެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މިއަދު ވިދާޅުވީ މި މަހު 16 ގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށާއިރު އިސްކަން ދޭނީ ހެލްތު ވޯކަރުންނާއި، ޑޮކްޓަރުންނާއި، ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް ކަމަށެވެ. މި ފަރާތްތަކަށް ވެކްސިން ދިނުމަށް ނިންމާފައިވަނީ ހިލޭއެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ފޭސްގައި ދެން ވެކްސިން ދޭނީ އުމުރުން 50 އަހަރުން މަތީގެ މީހުންނާއި އެކި ބަލިތަކަށް ފަރުވާ ހޯދަމުންދާ 50 އަހަރުން ދަށުގެ މީހުންނަށެވެ. އެގޮތުން މި ޕްރޮގްރާމްގެ ފުރަތަމަ ފޭސްގައި 30 ކްރޯޑް މީހުންނަށް ވެކްސިން ދިނުމަށް ވަނީ އަމާޒު ހިފާފައެވެ.

އިންޑިއާގެ ސަރުކާރުން މިދިޔަ އާދީއްތަ ދުވަހު ވަނީ އޮކްސްފޯޑާއި އެސްޓްރަޒެނެކާ ގުޅިގެން އުފެއްދި ކޮވިޑްގެ ވެކްސިން ބޭނުން ކުރުމަށް ހުއްދަ ދީފައެވެ.

ދެ ވަނަ އަށް އެންމެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި އިންޑިއާ އިން މިހާތަނަށް ވަނީ 10.2 މިލިއަން މީހުންނަށް ކޮވިޑް-19 ޖެހިފަ އެވެ. އާބާދީގައި 1.3 ބިލިއަން މީހުން ހިމެނޭ އިންޑިއާ އިން ވެކްސިން ޕްރޮގްރާމް ކުރިއަށްގެންދާ ގޮތް ދުނިޔޭގެ އެކި ގައުމުތަކުން ވަރަށް ގާތުން ބަލާނެ ކަމަށް ރިޕޯޓުތައ ްބުނެއެވެ.