Last Updated: January 15, 22:03
Friday, January 15, 2021
ރިޕޯޓް

ބޭންކް ލޯނުގައި ކިޔަވާ ދިވެހި ދަރިވަރުން ގޮތް ހުސްވެފައި!

އައްޑޫ ސިޓީ ގަމުގައި ހިންގާ ފްލައިން ސްކޫލްގައި ބޭންކް ލޯނުތައް މެދުވެރިކޮށް ކިޔަވާ ދަރިވަރުން ލޯނު ނުދެއްކި ގޮސް ހުސްވެއްޖެއެވެ.

މިކަމުގެ ކަންބޮޑުވުންތައް ހާމަކުރަމުން ބޭންކް ލޯނުގައި ކިޔަވާ ފްލައިން ސްކޫލްގެ ދަރިވަރުންތަކެއް "އައްޑޫ ލައިވް" އާއި މައުލޫމާތު ހިއްސާކުރަމުން ބުނީ ސްކޫލާއި ގުޅުނީ 2016 ގައި ކަމަށާއި އެންމެ ފުރަތަމަ ބޭންކުން ނަގާފައިވަނީ ފަސް ލައްކަ ރުފިޔާގެ ލޯނެއް ކަމަށެވެ. އޭރު ނެގި ލޯނުގެ ގްރޭސް ޕީރިއަޑަކީ 18 މަސް ކަމަށްވާއިރު، 12 މަހުން ކޯސް ނިމޭނެ ކަމަށް ބުނެ ސްކޫލުން ލިޔުމެއް ދީފައިވާ ކަމަށް އެ ދަރިވަރުން ބުނެއެވެ.

"ސްކޫލާއި ގުޅުނުފަހުން މިހާތަނަށް ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ލޯނަށް މިވަނީ ދެއްކިފައި. ކޯސް ނިމެނޭ ދުވަހެއް އަދިވެސް ނޭނގޭ. ސްކޫލުން އަހަރުމެންނަށް އޮޅުވާލި ވަރަށް ބޮޑު އޮޅުވާލުމެއް މިއީ" ދަރިވަރަކު ބުންޏެވެ.

މިކަމުގައި ހުރި ކަންބޮޑުވުންތައް ނައިބު ރައީސް ފައިސަލް ނަސީމް އާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުގެ ސަމާލުކަމަށް ވެސް ގެނެސްފައިވާ ކަމަށް ދަރިވަރުން ބުނެއެވެ. ބޭންކު ލޯނު މެދުވެރިކޮށް ގާތްގަނޑަކަށް 10 ވަރަކަށް ދަރިވަރުން ސްކޫލްގައި ކިޔަވަމުންދާއިރު އޭގެތެރެއިން ފަސް ދަރިވަރުންނަކީ ޗެކްރައިޑަށް ތައްޔާރުވަމުންދަނިކޮށް، ޗެކްރައިޑް އަޅަން އޮތް ބޯޓު ވެއްޓި ކޯސް ހުއްޓުމަކަށް އައި ދަރިވަރުން ކަމަށް މައުލޫމާތުދެއެވެ.

"އެއާއެކު ސްކޫލުން ދަރިވަރުންނަށް ހުށަހެޅީ ގަޑިއިރަކު 600 ޑޮލަރު ހޭދަކޮށްގެން މަލްޓި އެއާކްރާފްޓެއްގައި ޗެކްރައިޑް އަޅަން. މި ފީ އަކީ ކުރިން ޗެކްރައިޑް އަޅަން އޮތް ބޯޓާއި އަޅާބަލާއިރު ދެގުނަ އަދަދެއް. އެއާއެކު އަނެއްކާވެސް ލޯނުން އިތުރު ފައިސާތަކެއް ހޭދަވެގެންދިޔަ. އެއާއެކު ލޯނަށް ވެސް ދައްކާނެ ފައިސާއެއް ނެތް، ޒަރޫރީ ކަންކަން ކުރާނެ ފައިސާއެއް ވެސް ނެތް" ދަރިވަރަކު ބުންޏެވެ.

ކޮވިޑް-19 އާއެކު ބީއެމްއެލް އިން ލޯނު ދެއްކުން 9 މަހަށް ފަސްކޮށްދިންއިރު، މިދިޔަ މަހުން ފެށިގެން އަނެއްކާވެސް ދަރިވަރުން ކޯސް ނިމޭނެ ކަމުގެ އުއްމީދެއް ނެތި، ނާއުއްމީދެއްގައި ތިބެ ލޯނަށް ފައިސާ ދައްކަން ވަނީ ފަށާފައެވެ.

"މިހާރު ލޯނަށް މިދައްކަނީ 9،000 ރުފިޔާ. ޖޫން މަހުން ފެށިގެން 12،000 ރުފިޔާ ލޯނަށް ދައްކަންޖެހޭ. ޖޫން މަހަށްވެސް ކޯސް ނިމޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތްއިރު، ދަރިވަރުންގެ އެންމެ ބޮޑު އެދުމަކީ މިކަމަށް އަވަސް ހައްލެއް ހޯދައިދިނުން. ހޭދަވެގެން މިދާ ކޮންމެ ދުވަހަކީ ހަގީގަތުގައި ބޭކާރު ގޮތެއްގައި ފައިސާ ހަރަދުވާ ދުވަހެކޭ ބުނަންޖެހޭނީ"

ދަރިވަރުން ބުނިގޮތުގައި ހަޔާ އެޑިއުކޭޝަންގެ ލޯނުގައި ތިބި ދަރިވަރުންނަށް، ލޯނު ދެއްކުން ހަ މަހަށް ފަސްކޮށްދީފައިވާއިރު މިފަދަ ލުއިގޮތެއް ބޭންކު ލޯނުތަކުގައި ކިޔަވާ ދަރިވަރުންނަށް ހޯދައި ދެވިފައި ނެތުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ. އެގޮތުން ދަރިވަރުންގެ އާދޭހަކީ ކުރިން ވެސް އަމަލުކޮށްފައިވާ ގޮތަށް ބޭންކު ލޯނު ހަޔާ އެޑިއުކޭޝަންގެ ލޯނަކަށް ބަދަލުކޮށްދިނުމެވެ.