Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

ފައުޒާންގެ މެސެޖު: "އަހަރެންގެ ކުއްލި މަރުގެ ހަބަރު ލިބިއްޖެ ނަމަ މަފާކުރޭ"

މާސިމްގާ ކަނޑުގެ ބިޔަ ރާޅުތަކުން ވަށާލާފައިވާ ފުވައްމުލަކަކީ މޫދުގެ ނުރައްކާތެރި އެތައް ހާދިސާތަކެއް ހިނގާފައިވާ ރަށެކެވެ. ބިޔަ ރާޅުތަކާއި އެކު މާސިން ކަނޑުތެރެއަށް ދަމައިގަނެ އެތައް ބައެއްގެ ފުރާނަ ވަނީ ގެއްލިގެން ގޮސްފައެވެ.

އެގޮތުން އިއްޔެ އަކީވެސް މުޅި ފުވައްމުލަށް ހިތާމައިގެ ކަރުނުން ތެއްމާލި ދުވަހެކެވެ. އެކުވެރިންތަކަކާއި އެކު ފުވައްމުލަކު "މާނޭރު" ސަރަހައްދަށް، އެރަށު ދޫޑިގަން، ޔޫރޯ، އަހުމަދު ފައުޒާން 17، ދިޔައީ އެކުވެރިން ތަކަކާއި އެކު މޫދަށް އެރިލާށެވެ.

ނަމަވެސް ފައުޒާން އާއި އޭނާގެ އެކުވެރިންނަށް އެހިސާބަށް ދެވުނު އިރު މޫދުގައި ތިބި އަންހެން ދެ ކުއްޖަކު ރާޅާއި އެކު ބޭރަށް ދަމައިގަންނަނީއެވެ. އެމަންޒަރު ބަލަން ފައުޒާން އާއި އޭނާގެ އެކުވެރިޔާއަށް މަޑެެއް ނުކުރެވުނެވެ. މާސިންގާ ރާޅުގެ ތެރެއަށް ފަތާފައިވަނީ އެކުދިންގެ ފުރާނަ ސަލާމަތްކޮށްދޭށެވެ.

ފުވައްމުލަކު ސްކޫލްގެ ގްރޭޑު 10ގައި ކިޔަވަމުންދާ ފައުޒާން އަކީ ހުނަރުވެރި ސްކައުޓެކެވެ. އޭނާއަކީ މޮޅަށް ފަތަން ދަންނަ ކުއްޖެކެވެ. އެހެންވެ ހިތްވަރުކޮށް މޫދަށް ގެބެމުން ދިޔަ ކުއްޖާ ސަލާމަތްކޮށް އިސްކޮޅު ޖެހޭ ހިސާބަށް ގެނެސްދިނެވެ. ނަމަވެސް ފައުޒާންއަކަށް އޭނާގެ އަމިއްލަ ފުރާނަ ސަލާމަތެއް ނުކުރެވުނެވެ.

އިއްޔެ ހަވީރު 16:47 ހާއިރު ހިނގި މިހާދިސާގެ މައުލޫމާތު އެއްގަމަށް ލިބި ރަށުގެ ރައްޔިތުން ނިކުމެ، ފައުޒާންގެ ހޯދަމުން ދަނިކޮށް ފެނިފައިވަނީ އެ ހިސާބުގެ މޫދު އަޑިންނެވެ. ފައުޒާންގެ ހަށިގަނޑު ނެގި އިރު ވިންދު ހުރިއެވެ. ވަގުތުން ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށިއެވެ. ނަމަވެސް ފައުޒާން އަޅުގަނޑުމެންނާއި ވަކިވެގެން ދިޔައީ އަގު ހުރި މެސެޖު ތަކާއި އެކުއެވެ. އެއީ މުޅި ރާއްޖެ ފަހުރުވެރިވާ ފަދަ ބަޠަލެކެވެ. އަމިއްލަ ފުރާނައަށް ވުރެ އަނެކުންގެ ފުރާނައަށް އިސްކަންދިން ހިތްވަރުގަދަ ފަހުލަވާނެކެވެ.

ފައުޒާންގެ ކުއްލި މަރާއި އެކު އެންމެ ބޮޑަށް ފާހަގަވީ މީގެ ދެދުވަސް ކުރިން އޭނާ ސޯޝަލް މީޑިއާއަށް ދޫކޮށްލި މެސެޖެވެ.

"ވިލް އޮފް ﷲ" ގެ ނަމުގައި ސޯޝަލް މީޑިއާގައި ހިންގާ ޕޭޖަކުން ޝެއާ ކޮށްފައިވާ މާނަ ފުން މެސެޖެކެވެ. އެ މެސެޖުގައި ވަނީ " އަހަރެންގެ ކުއްލި މަރުގެ ހަބަރު ލިބިއްޖެނަމަ އަޅުގަނޑަށް މާފު ކުރާށެވެ. އަދި އަޅުގަނޑަށް ހެޔޮ ދުޢާކޮށްދެއްވާށެވެ."

ފައުޒާންގެ ކުއްލި މަރުގެ ހަބަރު ލިބި އެންމެން މިތިބީ ފެންކަޅިވެފައެވެ. އެއީ މުޅި ރާއްޖެ ފަހުރުވެރިވާނެ ބަޠަލެކެވެ. އެންމެން ދުޢާއަކީ ފައުޒާން އަށް މާތް ﷲ ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުމެވެ.