Last Updated: January 24, 09:47
Sunday, January 24, 2021
ޚަބަރު

ލޯކަލް ކައުންސިލް އިންތިހާބަށް މިދަނީ ތައްޔާރުވަމުން: ނިޒާރު

އަންނަ އެޕްރީލް މަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމްޑީޕީ ޓިކެޓުގައި އައްޑޫގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ކުރީގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު ވިދާޅުވީ އިންތިާބަށް ތައްޔާރުވުމުގެ ގޮތުން އިންތިހާބުގައި ވާދަކުރުމަށް އެމްޑީޕީ ޓިކެޓު ހޯދާފައިވާ ހުރިހާ ކެންޑިޑޭޓުންނާއި، އައްޑޫ ކައުންސިލަރުން، އަދި ޕާޓީގެ ލީޑަޝިޕާއި އެކު މަޝްވަރާ ކުރުމަށް ފަހު އިންތިހާބަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

މިފަހަރުގެ އިންތިހާބުގައި މީދޫ ދާއިރާ ފިޔަވައި ހުރިހާ ދާއިރާއަކަށް އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރެއެވެ. މީދޫ ދާއިރާއަށް އެމްޑީޕީގެ ކެންޑިޑޭޓަކަށް ވާދަ ކުރުމުގެ ފުރުސަތު ގެއްލިފައިވަނީ އެދާއިރާއިން ޓިކެޓު ހޯދި އައިޝަތު ޝޫޒާ ނަން އަނބުރާ ގެންދިއުމުންނެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބާއްވާ ވަކި ތާރީހެއް އަދި ކަނޑައެޅިފައި ނުވެއެވެ. ނަމަވެސް އިލެކްޝަނުން މަސައްކަތް ކުރަމުން އަންނަނީ އަންނަ ރޯދަ މަހުގެ ކުރިން އެޕްރީލް 3 ވަނަ ދުވަހު އިންތިާބު ބޭއްވުމަށެވެ. ނަމަވެސް މިތާރީހަކީ ފައިނަލް ތާރީހެއް ނޫނެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު އަވަސް ކުރުމަށް އިންތިހާބާއި ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ވަނީ އިސްލާހުތަކެއް ހުށަހަޅާފައެވެ. މި އިސްލާހުތަކާއި ގުޅިގެން ދައުރުން ބޭރުން މަޖްލިސް ޖަލްސާއެއް އަންނަ ބުދަ ދުވަހު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ނިންމާފައެވެ.