Last Updated: January 24, 09:47
Sunday, January 24, 2021
ޚަބަރު ސިޔާސީ

ރައީސް ކަމަށް އަންހެނުންނަށް ކުރިމަތިލެވޭގޮތަށް އިންތިހާބަށް ހުޅުވާލައިފި

ފޮޓޯ: މިހާރު

އަދާލަތު ޕާޓީ (އޭޕީ)ގެ ރައީސް ކަމަށް އަންހެނުންނަށް ކުރިމަތިލެވޭ ގޮތަށް ބަދަލުކޮށް އެޕާޓީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރުމަށް ހުޅުވާލައިފި އެވެ.

އޭޕީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އެޕާޓީގެ ދުސްތޫރުގެ 41.1 ވަނަ މާއްދާގެ (ށ) އަދި 41.3 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގެ ދަށުން، ޕާޓީގެ 3 ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށްޓަކައި ބާއްވާ ޢަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބު ޖެނުއަރީ 30 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި ޕާޓީގެ ރައީސް ކަމަށް ކުރިމަތި ލުމުގެ ފުުރުސަތު އަލުން ވަނީ ހުޅުވާލާފަ އެވެ.

އިންތިޚާބުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމާއި، ފޯމާއެކު ހުށައަޅަންޖެހޭ ލިޔެކިޔުން 17 ޖަނަވަރީ 2021 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ޢަދާލަތު ޕާޓީގެ މައި އޮފީހަށް ހުށައެޅު އެޕާޓީން ވަނީ އެދިފަ އެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވަނީ 13 ޖަނަވަރީ 2021 ވާ ބުދަ ދުވަހުގެ ނިޔަލަށް ޕާޓީގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓްރާ ބަލައިގަނެފައިވާ ޕާޓީގެ މެމްބަރުންނަށް ކަމަށް އޭޕީން މައުލޫމާތުދެ އެވެ.

މީގެ ކުރިން އޭޕީގެ އަސާސީ ގަވައިދުގައި އޮންނަ ގޮތުން އެ ޕާޓީގެ ރައީސް ކަމަށް އަންހެނުންނަށް ކުރިމަތި ނުލެވެ އެވެ. އެހެންނަމަވެސް މިފަހުން އެޕާޓީގެ ރައީސް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ އަންހެނުންނަށް ރައީސް ކަމަށް ކުރިމަތިލެވޭ ގޮތަށް އަސާސީ ގަވައިދު އިސްލާހު ކުރުމަށް ހުށަހަޅާފަ އެވެ.