އިދިކޮޅު ލީޑަރުންގެ އަޑު ކަނޑުވާލުމަކީ ހުދުމުހުތާރު ސިފައެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
ދީދީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިދިކޮޅު ސިޔާސީ ލީޑަރުންގެ އަޑު ކަނޑުވައިގެން ވެރިކަމުގައި ދެމިތިބުމަށް މަސައްކަތް ކުރުމަކީ ޑިކްޓޭޓަރޝިޕްތަކުގެ ވަރަށް ޚާއްޞަ ސިފައެއް ކަމަށެވެ. ނަމަވެސް އެނގެންޖެހޭ ޙަޤީޤަތަކީ ސިޔާދަތުގެ ވެރިންނަކީ ރައްޔިތުންކަން ކަމަށް އޭނާ ވިދާޅުވިއެވެ.
"ޚުދުމުޚުތާރު ވެރިކަން މާތް الله ގެ އިރާދަފުޅާ އެކު ރައްޔިތުން ބަދަލުކުރާނެކަން" ދީދީ ވިދާޅުވިއެވެ.
ދީދީ މިހެން ވިދާޅުވެފައިމިވަނީ ހަޑިހުތުރު އެއްޗެއް ކިއުމާއި ހަޑިހުތުރު ބަސް ބޭނުން ކުރިކަމަށް ބުނެ ދައުލަތުގެ ފަރާތުން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާ ދެކޮޅަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއްގެ އަޑުއެހުމެއް އެކޯޓުގައި މިމަހުގެ 31 ވަނަ ދުވަހަށް ތާވަލުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ހަޑިހުތުރު ބަހުން ވާހަކަ ދެއްކި މައްސަލައިގައި އަދުރޭގެ މައްޗަށް ދައުވާ ކޮށްފައިވާއިރު، މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ވެސް ފުލުހުން ތަހުގީގުކުރާ މައްސަލައަކަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ފަހު އެ ތަނުގެ ބޭރުގައި ހުންނަވާ އަބްދުއްރަހީމް ހަޑިއެއްޗެހިކީ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެ އެވެ. އެކަމަކު މިހާތަނަށް އެ މައްސަލައާ ގުޅިގެން ދައުވާކޮށްފައެއް ނުވެ އެވެ.