Last Updated: April 24, 06:35
Wednesday, April 24, 2024
ވިޔަފާރި

އެމްޓީސީސީ "ހުނަވަރު" ޕްރޮގްރާމުގެ އޯޕެންޑޭ މާދަމާ އައްޑޫގައި

ވަޒީފާގެ މާހައުލަށް ދިވެހިން އަހުލުވެރިކުރުވުމަށް އެމްޓީސީސީން ކުރިއަށްގެންދާ "ހުނަވަރު" އެޕްރެންޓިސް ޕްރޮގްރާމްގެ އޯޕެންޑޭ މާދަމާ އައްޑޫ ސިޓީގައި ބޭއްވުމަށް ނިންމައިފިއެވެ.

އެމްޓީސީސީން ބުނީ މި އޯޕެންޑޭ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 11:00 އިން މެންދުރު 15:00 ގެ ނިޔަލަށެވެ. މި އޯޕެންޑޭ އިއްޔެ ވަނީ ފުވައްމުލަކު ސިޓީގައި ބާއްވާފައެވެ.

ހުނަވަރު ޕްރޮގްރާމްއަކީ މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައިވާ ދިވެހިން ބިނާކުރުމަށް އެމްޓީސީސީއިން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. ހުނަވަރު ޕްރޮގްރާމްގެ މަޤްސަދަކީ ތަމްރީނާއި، ތަޖުރިބާ ލިބިފައިވާ މަސައްކަތްތެރި މުވައްޒަފުން އެމްޓީސީސީގެ އެކި ވަޒީފާތަކަށް ހޯދުމެވެ.

އެމްޓީސީސީން ބުނީ މި އަހަރުގެ ހުނަވަރު ޕްރޮގްރާމް ކުރިޔަށް ގެންދާނީ ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހި ކުރިޔަށް ގެންދާނީ އެމްޓީސީސީއިން އުމްރާނީ ތަރައްޤީއާއި އިމާރާތްކުރުމުގެ ދާއިރާގައި ހިންގާ މަޝްރޫޢުތަކަށް ބޭނުންވާ ފަންނުވެރިން ބިނާކުރުމެވެ. މިގޮތުން ހުނަވަރުގެ ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެމްޓީސީސީގެ މަޝްރޫޢުތަކުގައި ބޭނުންކުރާ ކަނޑާއި އެއްގަމުގައި ދުއްވާ އުޅަނދުފަހަރާއި މެޝިނަރީ އޮޕަރޭޓްކުރުމުގެ ޤާބިލްކަން ލިބިފައިވަ ހުނަރުވެރި މަސައްކަތްތެރިން ބިނާކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި ޕްރޮގްރާމްގެ ދަށުން ތަމްރީން ދެވޭނީ އެމްޓީސީސީގެ މަޝްރޫޢުތަކުގައި ބޭނުންކުރާ ޓަގް، ބާޖު، ބަސް، ލޮރީ، ބުލްޑޯޒާ، އެކްސްކަވޭޓަރ، ކްރޭން، ލޮރީ، ރޯލާ، ޕޭވަރ، ލޯޑަރ އަދި ގްރޭޑަރު ފަދަ އުޅަނދުފަހަރާއި މެޝިނަރީ ދުއްވާ އޮޕަރޭޓްކުރުމަށެވެ.

މިއޯޕަންޑޭގެ ތެރެއިން ތަމްރީންގައި ބައިވެރިވާން އެދޭ ފަރާތްތަކަށް މިކަމަށް ޝައުޤުވެރިކަން ފާޅުކުރެވޭނެއެވެ. އެގޮތުން ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ބައިވެރިން ހޮވާ، އެމްޓީސީސީގެ ސައިޓްތަކުގައި 3 މަސް ވަންދެން ފަންނީ ތަމްރީން ދޭނެއެވެ. މިތަމްރީނަށް ހޮވޭ ބައިވެރިންނަށް ކޮންމެ މަހަކު 5000 ރުފިޔާ އެލަވަންސްގެ ގޮތުގައި ދިނުމަށް ވަނީ ނިންމާފައެވެ.

އަދި ތަމްރީން ފުރިހަމަ ކުރާ ފަރާތްތަކުން 1 އަހަރުގެ ބޮންޑެއްގެ ދަށުން އެމްޓީސީސީގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބޭނެއެވެ.