ޕީޕީއެމް ބައިބައިކުރަން އުޅޭ ބަޔަކަށް އެ ޕާޓީ އަށް ތާއީދުކުރާ މީހުން މައާފު ނުކުރާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާ މެންބަރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވީ ޕީޕީއެމްގެ ލީޑާޝިޕު އޮތީ ބައިބައިވެފައި ކަމަށް ބުނެ އޮންލައިން ނޫހެއްގައި ޝާއިރުކޮށްފައިވާ ޚަބަރަކަށް އިޝާރާތްކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ. އެ ޚަބަރުގައި ޕީޕީއެމްގެ ލީޑާޝިޕަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިތުބާރުނުކުރައްވާ ކަމަށް ބުނެފައިވެއެވެ.
އެކަމާ ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ ކޮންސްޕިރަސީ ތިއަރީ އުފައްދައިގެން ނުވަތަ ޚަބަރު ފަތުރާ ބައެއް އައުޓްލެޓުތައް ބޭނުންކޮށްގެން، އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީން މިނިވަންކުރުމަށް ކުރަމުންދާ މަސައްކަތްތައް ފަނޑުކޮށް ޕީޕީއެމް ބައިބައިނުކުރެވޭނެ ކަމުގައެވެ.
އަދި އެގޮތަށް ކުރާ މަސައްކަތެއްގެ ސަބަބުން އިދިކޮޅު ކޯލިޝަނުގެ ލީޑާޝިޕުގެ ހިތްވަރު އެލުވައިނުލެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭގެއިތުރުން ރައީސް ޔާމީނަށް އަނިޔާވެރިވެ ޕާޓީ ބައިބައިކުރަން އުޅޭ ބަޔަކަށް ޕީޕީއެމަށް ތާއީދުކުރާ މީހުން މަޢާފުނުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
Conspiracy theory ufadhdhaigen nuvatha media outlet beynun koggen, RY minivan kurumah kuramundhaa masakkaiythah fan'dukoh PPM baibai nukureveyne. Adhi Leadership ge morale dhasheh nukureveyne! RY ah aniyaaverivaa, party baibai kuran ulhey bayakah PPM ge voters maa'afeh nukuraane.
— Adam Shareef Umar (@Adamshareefz) January 10, 2021
ޕީޕީއެމްގެ ލީޑާޝިޕަށް ރައީސް ޔާމީން އިތުބާރުނުކުރައްވާ ކަމަށް ބުނާ ވާހަކަތައް އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވަނީ ދޮގުކުރައްވާފައެވެ.