Last Updated: March 28, 16:21
Thursday, March 28, 2024
ޚަބަރު

ޓޫޓީ އިންޖީނުގެ ސްޕީޑުގައި ފްލައިން ސްކޫލް މައްސަލަ ހައްލު ނުވާނެ

ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް - ފޮޓޯ: މަޖިލިސް

ޓޫޓީ އިންޖީނުގެ ސްޕީޑުގައި ދުއްވައިގެން ފްލައިން ސްކޫލްގެ މައްސަލަ ހައްލުވާން ނެތް ކަމަށް ތުލުސްދޫ ދާއިރާގެ މެމްބަރު އަދި ފްލައިން ސްކޫލްގެ މައްސަލަ ބަލަމުންދާ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ މެމްބަރު އިބްރާހިމް ނަސީމް ވިދާޅުވެއްޖެއެވެ.

ނަސީމް ކުރެއްވި ޓްވީޓެއްގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ޓެގް ކުރައްވައި ވިދާޅުވީ ޓޫޓީ އިންޖީނެއްގެ ސްޕީޑުގައި ދުއްވައިގެން މިކަން ވާން ނެތް ކަމަށާއި ކުރިއަށް ދާނީ ސްޕީޑު ބާރުކޮށްގެން ކަމަށެވެ.

"ހަބަރުތައް ލިބެނީ ފްލައިން ސްކޫލްގެ ކަންކަމުގައި ވަރަށް ބޯކޮށް ފެހި ޖަހާފައި އޮތް ކަމަށް" ނަސީމް ވިދާޅުވިއެވެ.

ފްލައިން ސްކޫލްގެ މައްސަލަ ބޮޑުވެފައިވާއިރު ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ މަދަނީ ވައިގެ ދަތުރުފަތުރުގެ ގާނޫނަށް ރިއާޔަތްކޮށް އެ ސްކޫލް 35،000 ރުފިޔާ އިން ޖޫރިމަނާކޮށްފައެވެ.

ފްލައިން ސްކޫލް ޖޫރިމަނާ ކުރުމަށްފަހު ގިނަ ކަންތައްތަކެއް ރަނގަޅު ކުރަން ޓްރާންސްޕޯޓް މިނިސްޓްރީންނާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ސްކޫލަށް އަންގާފައެވެ. އެގޮތުން ސްކޫލްގައި ހިންގާ ކަންކަން ބެލުމަށް ސިވިލް އޭވިއޭޝަންގެ ފަރާތުން ބޭފުޅަކު ސްކޫލްގައި މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އަދި ދަރިވަރުންގެ ތަމްރީނުތަކަށް ބޭނުންވާ މިންވަރަށް ސްކޫލުގެ ފަރާތުން ޓެމްޕަރަރީ ލީޒްކޮށްގެން ނުވަތަ އެހެން އިންތިޒާމެއްގެ ދަށުން "ކޮމްޕްލެކްސް" މަތިންދާ ބޯޓު ހަމަޖެއްސުމަށާއި، ދަރިވަރުންގެ އަތުން ޑޮލަރުން ފީ ނެގުމަކީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް ތަންދޭ ކަމަކަށް ނުވާތީ ރާއްޖޭގެ ކަމާބެހޭ ގަވާއިދުތަކާއި އުސޫލުތަކަށް އަމަލުކުރުމަށް ވެސް ސްކޫލަށް ވަނީ އަންގާފައެވެ.

އޭގެ އިތުރުން ދަރިވަރުންގެ ތަމްރީނުތައް ޝެޑިއުލްކުރެވެމުންދާ ގޮތާއި ތާވަލު އާންމުކޮށް ފެންނަން ހުންނާނޭ ގޮތަށް ޕަބްލިޝް ކުރުމަށްވެސް ވަނީ އަންގާފައެވެ.

ފްލައިން ސްކޫލްގައި ހުރި މައްސަލަތައް ހައްލުކުރަން ކަމާބެހޭ މުއައްސަސާތަކުން މަސައްކަތް ފަށާފައިވާއިރު، އެ ސްކޫލްގައި ތިބި ބައެއް ދަރިވަރުންގެ ކޯސް ފުރިހަމަ ކުރަން ރާއްޖެއިން ބޭރަށް ފޮނުވަން މަސައްކަތް ކުރަމުންދާ ކަމަށް ދާދިފަހުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ.އިބްރާހިމް ހަސަން ވަނީ ވިދާޅުވެފައެވެ.